English Edition
Dhivehi Edition

މިއަހަރުގެ މާރިޗު 29 އިން ޖޫން 30 ގެ ނިޔަލަށް އައްޑޫސިޓީގައި ފުލުހުން ހިންގި ޓްރެފިކް އޮޕަރެޝަން ތަކުގައި 1977 އުޅަނދެއް ބަލައިފާސްކޮށްފިއެވެ. ފުލުހުން ވިދާޅުވީ ހަމަ އެމުއްދަތުގައި 74 އުޅަނދެއް ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. އައްޑޫސިޓީ ޕޮލިހުން މައުލޫމާތުދެއްވި ގޮތުގައި ސިޓީގެ ޓްރެފިކް ފުލުހުން އަބަދުވެސް ގެންދަނީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މަސައްކަތައްތައް ކުރަމުން ކަމަށެވެ. އެހެންނަމަވެސް އެމަސައްކަތް ކާމިޔާބުވާނީ އާންމުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ. “ފުލުހުން މަގުތަކަށް ނުކުމެ ޓްރެފިކް އޮޕަރޭޝަން ހިންގަމުންދާއިރުވެސް އެބަހުރި އެކްސިޑެންޓްވެފައި. ލައިސަންސް އޮންނަ ފަރިތި މީހުންވެސް އެބަހުރި އެކްސިޑެންޓްވެފައި. އެހެންވީމާ އެކްސިޑެންޓްތައް ވީހާވެސް ބޮޑަށް މަދުކުރަން އެބަޖެހޭ. މަދުކުރެވޭނީ ދުއްވާ މީހުން ބަލައިގެން ދުއްވައިގެން. ހިނގާމީހުންވެސް ދުއްވާއެއްޗެއްސަށް ދަތިނުވާ ގޮތަށް ހިނގައިގެން،” ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކްސިޑެންޓުވެފައިވަނީ ހަމައެކަނި ބާރަށް ދުއްވައިގެން ނޫންނެވެ. މަޑުން ދުއްވަމުންދާއިރުވެސް އެކަހަލަ ހާދިސާ ހިނގައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫސިޓީގައި ފަހަކަށް އައިސް ހިނގައިފައިވާ އެކްސިޑެންޓް ތަކަކީ ކޮންޓްރޯލް ނުވެގޮސް ތަނެއްގައިޖެހިގެން ހިނގާ ހާދިސާތައް ކަމަށެވެ. އަދި ތަކުރާރުކޮށް އެތައްފަހަރަކު އެކްސިޑެންޓްތަކުގައި އަނިޔާވެފައިވާ މީހުންވެސް އިސްލާހުނުވެ އެގޮތަށް ދުއްވަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެފަދަ މީހުން އަތުލައިގަތުމުގެ މަސައްކަތްޔަކެއް ކުރައްވަމުން ގެންދަވާ ކަމަށް އައްޑޫފުލުހުން ކުރިންވަނީ ހާމަކޮށްފައެވެ. ނިމިގެންދިޔަ ރަމަޟާންމަހުގެ ފަހު ދިހައިގައި އައްޑޫގައިވަނީ އެކްސިޑެންޓްތައް އިތުރުވެފައެވެ.