ވިޔަފާރި ވެރިޔާ ޤާސިމް އިބްރާހީމްގެ މުޅި މިލްކިއްޔާތަށްވުރެ ރައީސް ޢަބްދުﷲ ޔާމީން ޢަބް
ދުލްޤައްޔޫމުގެ އިޚުލާސްތެރިކަމުގެ އަގު މާބޮޑު ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް އެގޮތަށް ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އޭނާ މިހެން ވިދާޅުވެ ޓްވީޓް ކުރެއްވިއިރު ޤާސިމް އިއްޔެ ވިދާޅުވެފައިވަނީ ޢަބްދުއްރަޙީމާއި، ޕީޕީއެމްގެ ކެލާދާއިރާގެ މެންބަރު ޢަލީ އާރިފާއި، ވިލިމާލެ ދާއިރާގެ މެމްބަރ އަޙުމަދު ނިހާން ޙުސައިން މަނިކު ޖުމްހޫރީ ޕާޓީއާ ގުޅުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެކަން ދޮގު ކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ ޤާސިމްގެ މިލއްކިއްޔާތަށްވުރެ ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވުމުގެ ފަޚުރު މާބޮޑު ކަމަށެވެ.
“ޤާސިމްގެ މުޅި މިލްކިއްޔާތަށްވުރެ ރައީސް ޔާމީންގެ އިޚްލާސްތެރި ކަމުގެ އަގު މާބޮޑު. ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރާނެ ފުރުސަތު ލިބުނީތީ ފަޚުރުވެރިވަން. ވަރަށްކެރިގެން ސާބިތުކަމާއެކު މިހުރީ ރައީސް ޔާމީނާއެކު،” އަދުރޭ ވިދާޅުވެފައިވެއެވެ.
ޕީޕީއެމުން ކޮންމެ ދުވަހަކު ބާއްވަމުން ގެންދަވާ ސިލްސިލާ ޕްރެސްތަކުގައި ގެންދަވަނީ ޤާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ދައުލަތަށް އޭނާ ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަވަން އެބަހުރި ކަމަށާއި، އެ ފައިސާ އަވަހަށް ދެއްކެވުމަށް ކޮންމެ ޕްރެސްއެއްގައި ޢަބްދުއްރާޙީމާއި، ނީހާން ގެންދަވަނީ ގޮވައިލައްވަމުންނެވެ.