އޮޑިޓް ރިޕޯޓުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ދައުލަތުގެ މުވައްސަސާތަކުގެ ވެރިންނަށް ، އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ގޮވާލައްވަވައިފިއެވެ.
މިގޮތަށް ޒިޔަތު، ގޮވާލެއްވެވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީސް 2017 ވަނަ އަހަރު ހިންގި ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ “އަހަރީ ރިޕޯޓް 2017’ ނެރުއްވުމަށް މިއަދު ހިތަދޫގައި ހުންނަ ސަރަހައްދީ އޮފީހުގައި ވާހަކަ ދައްކަވަމުންނެވެ،
ރިޕޯޓް ނެރުމުގެ ރަސްމިއްޔާތު އޮތީ އޮޑިޓަރ ޖެނަރަލް އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހުގައި މިއަދު ހެނދުނު އެވެ. މިރަސްމިއްޔާތުގައި އައްޑޫސިޓީގައި ހުރި ދައުލަތުގެ މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ..
މިރިޕޯޓުގައި ދައުލަތުގެ މުއައްސަސާތަކުގެ މަސްއޫލުވެރިންނަށް އޮޑިޓްރިޕޯޓުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ގޮވާލައްވައި އޮޑިޓަރ ޖެނަރަލް ވިދާޅުވީ، 24 ނޮވެމްބަރ 2014 ގައި އެމަނިކުފާނު މަޤާމާއި ޙަވާލުވުމަށްފަހު އެންމެ އިސްކަމެއް ދެއްވީ އަހަރުން އަހަރަށް އޮޑިޓްކުރުންޖެހޭ މުއައްސަސާތައް އޮޑިޓްކުރުމަށާއި، ނުނިމިހުރި އޮޑިޓްތައް ނިންމުމަށް ކަމަށެވެ . ހަމަ މިއާއެކު މިކަމަށް މަގުފަހި ކުރުމަށް ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅަންޖެހޭ މާލީ ބަޔާންތައް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އޮޑިޓަރ ޖެނަރަލްގެ އޮފީހަށް ލިބޭނެމަގު ތަނަވަސްކުރުމަށް ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން މާލީބަޔާން ތައްޔާރުކުރާނެ ގޮތުގެ ތަމްރީނުތައް ގެންދަނީ ދެމުންކަމަށް ޒިޔަތު ވިދާޅުވިއެވެ..
ނަތީޖާއެއްގެ ގޮތުން ގިނަ މުއައްސަސާތަކުގެ މާލީ ބަޔާން މިހާރު ޤާނޫނުގައި ބަޔާންކުރާ މުއްދަތަށް ލިބެމުންދޭ. އަދި ނުނިމިހުރި އޮޑިޓުތައް ނިމުމަކަށް ގެނެސް އަހަރުން އަހަރަށް ނިންމަންޖެހޭ މަސައްކަތްތައް ނިންމުމަށް މިހާރުމިވަނީ ވަގުތު ހޯދިފައި. . އެހެންކަމުން މިހާރުގެ އުއްމީދަކީ ޤާނޫނީގޮތުން އަހަރުން އަހަރަށް ނިންމަންޖެހޭ މަސައްކަތްތައް ޤާނޫނުގައި ބަޔާންކުރާ ތާރީޚުތަކަށް ނިންމުން” ކަމަށް ޒިޔަތު ވިދާޅުވިއެވެ.
އެމަޤްޞަދުގައި ކުރިޔަށްގެންދާ ކަންތައްތަކުގެ ތެރޭގައި ދައުލަތާއި ދައުލަތުގެ އިދާރާތަކުގެ މާލީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ރާއްޖޭގެ އެކިހިސާބު ތަކުގައިހުރި ދައުލަތުގެ މުއައްސަސާތައް އޮޑިޓްކުރުން ހިމެނޭ ކަމަށް އޮޑީޓް އޮފީހުން ބުނެއެވެ. މިގޮތުން ރާއްޖޭގެ އެންމެ ދެކުނުގެ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ގއ، ގދ. އަތޮޅުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކުގެ އޮޑިޓުތައް ކުރުމަށް ޚާއްޞަކޮށްގެން އޮޑީޓަރ ޖެނަރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީސް ނަމުގައި، 1 ޑިސެންބަރު 2015 ގައި އައްޑޫ ސިޓީ ހިތަދޫގައި ދެވަނަ ފަހަރަށް އޮފީހެއް ހުޅުވައި މިއޮފީހުން 2017 ވަނައަހަރު މިސަރަހައްދުގައި ހުރި ދައުލަތުގެ 66 މުއައްސަސާތަކެއްގެ އޮޑީޓް ކުރެވުނެއެވެ. މިއޮފީހުގެ ބޭނުމަކީ، މިސަރަހައްދުގައި ހުރި އޮފީސްތައް ދެމެހެއްޓެނިވި ގޮތެއްގައި އޮޑިޓްކޮށް އިޞްލާޙުކުރަންޖެހޭ ކަންކަން ފާހަގަކުރުމާއި، އެއޮފީސްތަކުގެ މާލީ ހިންގުން ހަރުދަނާކުރުވައި ޖަވާބުދާރީވުން އިތުރު ކުރުވުން ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ..
އައްޑޫސިޓީ ހިތަދޫގައި ހުންނަ، އޮޑިޓަރ ޖެނަރަލް އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހުގެ ދެވަނަ އަހަރީ ރިޕޯޓު ގައިވާ ގޮތުން ދެކުނު ސަރަޙައްދީ އޮފީހުން 2017 ވަނަ އަހަރު އޮޑިޓްކުރުމަށް ކަނޑައަޅާފައިވަނީ 74 އޮޑިޓެވެ. އަހަރު ނިމުނުއިރު އޭގެތެރެއިން ނިންމިފައިވަނީ 66 އޮޑިޓެވެ. އެހެންކަމުން އަހަރު ނިމުނުއިރު މިވަނީ ނިންމަން ކަނޑައެޅި މަސައްކަތުން ގާތްގަނޑަކަށް %90 މަސައްކަތްކަތް ނިންމިފައެވެ. މިއޮޑިޓުތަކުގައި، ދައުލަތުގެ އާމްދަނީއާއި ޚަރަދަށް ނިސްބަތްވާ 784,637037/- ރުފިޔާގެ މާލީ މުޢާމަލާތްތައް ބަލައި ޗެކްކުރެވިފައި ވެއެވެ.. މިފައިސާގެ ހިސާބުތައް އޮޑިޓްކުރުމަށް ޚަރަދކުރި ފައިސާގެ ޢަދަދަކީ 2,070,711/- ރުފިޔާއެވެ. މި އޮޑިޓްތަކުން ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ދައުލަތަށް ލިބެންޖެހޭ ފައިސާއިން ނުލިބިހުރި 32,294,765/- ރުފިޔާ ހޯދުމަށް، ބަޖެޓްބާކީގޮތުން އަހަރުގެ ނިޔަލަށް ޕަބްލިކު ބޭންކު އެކައުންޓަށް ޖަމާކުރަންޖެހޭ 4,074,588/- ރުފިޔާ އެއެކައުންޓަށް ޖަމާކުރުމަށް އަދި ގަވާޢިދާއި ޚިލާފަށް އެކިފަރާތްތަކަށް ދީފައިވާ 4,836,329/- ރުފިޔާ ހޯދުމަށް މުއައްސަސާތަކަށް އަންގާފައިވެއެވެ.