English Edition
Dhivehi Edition
އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒު ފުވައްމުލައް ސިޓީއަށް ކުރައްވި ދަތުރުގައި ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
އިއްޔެ ފުވައްމުލައް ސިޓީގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދުދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން މާލިއްޔަތު ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާގެ ކަންތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި، އެކަމަށް ދިމާވާ ދަތިތަކާއި ގުޅޭ ގޮތުން މަޝަވަރާކުރެވުނެވެ. މީގެ އިތުރުން ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރެވެން ހުރި ކަންތައްތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
ދެކުނު ސަރަހައްދުގެ އޯޑިޓް އޮފީހުން ނެރޭ އަހަރީ ރިޕޯޓް ނެރުމުގެ ހަފްލާ ފުވައްމުލައް ސިޓީގައި ބޭއްވުމަށް އޮޑިޓަރ ޖެނެރަލް ކުރެއްވި މި ދަތުރުގައި އޯޑިޓް އޮފީހުގެ ޑިރެކްޓާ އޮފް ޓެކްނިކަލް ސާވިސަސް އަހުމަދު ސާލިހު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.