މިމަހު ދެވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައިކުރި މުޒާހަރާގައި ދިވެހި ފުލުހުން ދެއްކި އޯގާތެރި ކަމުގެ ނަމޫނާގެ މަންޒަރުތައް ޑިމޮކްރަސީއާ ހެދި ސަލާމަތް ނުވެގެން އުޅޭ އަވަށްޓެރި ގައުމުތަކަށް ދައްކަންޖެހޭ ކަމަށް ޕީޕީއެމްއިން ވިދާޅުވެއްޖެއެވެ.
އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވީ އެދުވަހު ފުލުހުންގެ ފަރާތުން ފެނިގެންދިޔަ އޯގާތެރި ކަމުގެ ނަމޫނާއަކީ ރާއްޖެއިންވެސް ބަލައިގަންނަން ޖެހޭކަމެއް ކަމަށެވެ.
” ފުލުހުންގެ އޯގާތެރިކަން ނަމޫނާއެއް ކަމަށް ރާއްޖެއިން ބަލައިގަންނަންޖެހޭ ކަހަލަ ހާލަތެއްގައި ގިނަ މަންޒަރުތައް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. އަޅުގަނޑު ދަންނަވާނީ އަވަށްޓެރި ގައުމުތަކުން އިމެޖެންސީ ހާލަތު އިއުލާން ކޮށްފައި އޮންނަ ގަޑީގައި އެގައުމުގެ ފުލުހުންނާއި އަމްނު ބަލަހައްޓަން ތިބޭ ފަރާތްތައް ލަޓިބުރި ހިފައިގެން އެދުއްވައިގަންނަ ދުއްވައިގަތުން އެއީ ކޮންމެހެނެއް އޮންނާނެ ކަމެއްތޯ އެބޭފުޅުން އަލުން ރިވިއުކުރަންޖެހޭ ހިސާބުގައޭ މިއޮތީ،” ނިހާން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ފުލުހުން އެދުވަހު އެދެއްކެވި އޯގާތެރިކަން ރައްޔިތުން ބަލައިގަންނަނީ އިހުތިރާމާއެކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ މަންޒަރުތަކުން އަވަށްޓެރި ގައުމުތަކުގެ ފުލުހުންނަށް ފިލާވަޅު ނަގައިދޭންޖެހޭ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
“އެމަންޒަރުތައް އެބަޖެހޭ އަވަށްޓެރި ގައުމުތަކުގެ ފުލުހުންނަށް ފިލާވަޅުތަކެއްގެ ގޮތުގައި ދައްކައިދޭން ގެންދަން،” އޭނާ ވިދާޅުވިއެވެ. “އޭގެ މަންޒަރު ހިނގައި ދިޔަގޮތް ޚާއްސަކޮށް އަށްޓެރި ބޮޑެތި ޑިމޮކްރަސީއާ ހެދި ސަލާމަތް ނުވެގެންއުޅޭ ގައުމުތަކަށް އެބަޖެހޭ ދައްކަން،” ނިހާން ވިދާޅުވިއެވެ.
ފުލުހުން މަސައްކަތް ކުރަމުންދާއިރު ހުރަސް އަޅައި ނޭފަތުގެ “ތޮއްވަރިއަށް ވަދެގަތީމާ” ކޮންމެ ގައުމެއްގެ ފުލުހުންވެސް ފޮޅައިލާނެ ބީދައިން ދިވެހި ފުލުހުންވެސް ފޮޅައިލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.