ކުނޫޒަކީ އިދިކޮޅު މީހުންގެ ކޮމާންޑު ސެންޓަރު ކަމަށާއި އެތަނުގައި ތިބެގެން ތިންހަތަރު ދައުރަށް މަޖިލީހަށް އިންތިޚާބު ވެފައިވާ މީހުނަށް ފާޑުނުކިޔުމަށް ޕީޕީއެމްއިން ގޮވާލައިފިއެވެ.
ޕީޕީއެމް އިން ބޭއްވި ޕްރެސްއެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނާއިބު ލީޑަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އެތަނުގައި ވާހަކަ ދައްކަނީ އިންތިޚާބުތަކުގައި ބައިވެރިވެ އަމިއްލަ ރަށުންވެސް ފަސްދޮޅަކަށް ވޯޓުވެސް ލިބިފައިނުވާ މީހުން ކަމަށެވެ. އެހެންވީމާ އެފަދަ މީހުންނަށް ސިޔާސީ މައިދާނުގައި ބަސް ބުނުގެ ޙައިސިއްޔަތެއްވެސް ނެތްކަމަށެވެ. އެތަނުގައި ވާހަކަ ދައްކަނީ ޤާސިމް އިބްރާހީމްގެ މުސާރަވެރިން ކަމަށާއި ވަޒީފާ އަދާ ކުރުމުގެ ގޮތުން އެފަދަ ވާހަކަ ނުދައްކައިފިއްޔާ މުސާރަވެސް ނުލިބިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“ކުނޫޒުގައި ކޮމާންޑު ސެންޓަރެއް ހަދައިގެން އަރައިތިބެ ތިންހަތަރު ދައުރަށް ރައްޔިތުންގެ މަޖިލީހަށް ހޮވިފައިތިބި މީހުންނަށް ފާޑުކިޔުން ކާކުތޯ ޤަބޫލުކުރާނީ. އެހެންނޫން އެމީހުންގެ ވަޒީފާއެއީ. އެމީހުންނަކީ ޤާސިމް އިބްރާހީމް ކައިރީގައި ވަޒީފާ އަދާކުރާ މީހުން. އެވަޒީފާއަށްޓަކައި އެމީހުން ދައްކަންޖެހޭ ވާހަކައެއް ދައްކައގެންކަންނޭނގެ މުސާރަ ލިބޭނީ. އެހެންވީމާ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ބަސްބުނުމުގެ ހައިސިއްޔަތެއްނެތް އެމީހުންނަކަށް،” ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ކުނޫޒުގައި ވާހަކަ ދައްކާ މީހުންނަކީ ސިޔާސީ މައިދާނުގައި ރައްޔިތުން ބަލައިނުގެންފައިވާ ބައެއް ކަމަށެވެ. އެކަން ވޯޓުގެ ނަތީޖާއިން ދައްކާފައިވާ ކަމަށެވެ. އެހެން އެކަން އޮއްވައި “ފުންނާބު އުސް ސިޔާސީ މީހުންނާ ބެހިގަތުމަކީ ޒިންމާދާރު ކަމެއްނޫން،” ޢަބްދުއްރަޙީމް ވިދާޅުވިއެވެ.