އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަރާތުން އައްޑޫސިޓީގެ ހިތަދޫގައި 70 ރުއް އިންދައިފިއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހަށް 70 އަހަރު ފުރުމުގެ މުނާސަބާ އާއި އައްޑޫ ސަރަހައްދީ އޮފީހަށް 2 އަހަރު ފުރުމުގެ މުނާސަބާ އާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މިއަދު ހަވީރު ހިތަދޫ ކްރެސްގާޑަން ގެ ފުރަގަހުގައި އޮންނަ ހުސްބިމުގައި ވަނީ ރުއް އިންދާފައެވެ.
“އިޖްތިމާއީ ޒިންމާ- އައްޑޫސިޓީ ފެހިކުރުން” މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުންނާއި އަދި އޮޑިޓަރ ޖެނެރަލް ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
“މިއީ އަހަރީ ދުވަހާ ގުޅުވައިގެން ސޯޝަލް ރެސްޕޮންސިބިލިޓީއަށް ކޮންމެވެސް ކަމެއް ކޮށްދިނުމަށް އޮޑިޓަރ ޖެނެރަލުން ނިންމާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ސްޓާފުން އަމިއްލަ އަށް އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް” ކަމަށް އެ އޮފީހުން މައުލޫމާތު ދެއްވިއެވެ.
މި ޕްރޮގްރާމުގައި އެމްއެންޑީއެފްގެ ސަދަން ކޮމާންޑިން ޔުނިޓްގެ އެހީތެރިކަމާއި އަދި ހައުސިން މިނިސްޓްރީގެ އެހީތެރިކަން ލިބިގެން ދިޔަކަން އޮޑިޓް އޮފީހުން ވަނީ ފާހަގަކުރައްވަވާފައެވެ.
އޮޑިޓް އޮފީހުގެ އައްޑޫގައި ގާއިމުކޮށްފައިވާ ސަރަހައްދީ އޮފީހަށް 2 އަހަރު ފުރުމާ ގުޅިގެން އަހަރީ ރިޕޯޓު ލޯންޗުކުރުމުގެ ހަފްލާ ވެސް މާދަމާ އެ އޮފީހުގައި އޮންނާނެ ކަމަށް އޮޑިޓް އޮފީހުން މައުލޫމާތު ދެއްވައެވެ.