ފެބްރުއަރީ މަހުގެ 27 އަދި 28 ދެދުވަހު ސްރީލަންކާގެ ކޮލަމްބޯ އަދި އިންޑިއާގެ ޗެންނާއީ އަށް ކުރި ދަތުރު ނިންމާލުމަށް ފަހު “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވަހީދު ވިދާޅުވީ ދަތުރުގެ މައިގަނޑު މަގްޞަދު ޙާސިލް ވި ކަމަށާއި އޭގެ މަންފާ ކުރިއަށް އޮތް ތަނުގައި އައްޑޫގެ ޓޫރިޒަމަށް ކުރާނެ ކަމަށެވެ.
‘ސަދަން މޯލްޑިވްސް ރޯޑްޝޯ’ ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ރޯޑުޝޯ އަކީ ކޮލަމްބޯ އަދި ޗެންނާއީގެ ޓުއަރ އޮޕަރޭޓަރުންނާއި އައްޑޫގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ދެމެދު ގުޅުން ވަރުގަދަކޮށް ގިނަ ޓުއަރ އޮޕަރޭޓަރުން ތަކަކަށް އައްޑޫ ތައާރަފު ކޮށްދިނުން ކަމަށް ވަހީދު ވިދާޅުވިއެވެ.
މި ރޯޑުޝޯ ކުރިއަށް ގެންގޮސްފައިވަނީ ސްރީލަންކާގެ ކޮލަމްބޯ އަދި އިންޑިޔާގެ ޗެންނާއީގައެވެ.
ކޮލޮމްބޯއާއި ޗެންނާއީގެ ޓްރެވެލް އެޖެންޓުން ބައިވެރިވި މި އިވެންޓުގައި ސްރީލަންކަން އެއާލައިނުންނާއި އައްޑޫސިޓީ ކައުންސިލްގެ އިތުރުން އައްޑޫގައި ގެސްޓުހައުސް ވިޔަފާރި ކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން 18 ބައިވެރިން ހިމެނޭ މި ޓީމުން ކުރެވުނު މަސައްކަތް ހަމަ ވަރަށް ކާމިޔާބު ކަމަށް ވަހީދު ވިދާޅުވިއެވެ.
” މި އިވެންޓުގެ ސަބަބުން ގިނަ ބަޔަކަށް އައްޑޫއަކީ ފަތުރުވެރިކަމަށް ކިހާ މުހިއްމު ތަނެއްކަން އެނގިގެން ހިނގައްޖެ. ރާއްޖޭގައި ޓޫރިޒަމް ތަޖްރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް އައްޑޫއަކީ އެންމެ ރަނގަޅު އެއްތަން ކަން މި އިވެންޓުގައި ވަރަށް ބޮޑަށް ކިޔައިދެވުނު. އިވެންޓުގެ ގިނަ ބައިވެރިން ތިބީ މިތަނުގެ ވާހަކަ އަޑުއިވިފައި މިތަނާ މެދު ޝައުގު އުފެދިފައި” ވަހީދު ވިދާޅުވިއެވެ.
ވެރިކަން ކުރާ ރަށް މާލެއަށް ނުގޮސް ކޮލަމްބޯ އިން ސީދާ ޑައިރެކްޓް ފްލައިޓްގައި ފަތުރުވެރިނަށް އައްޑޫއަށް އާދެވޭއިރު އައްޑޫގެ ގުޅިފައިވާ ރަށްތަކާއި އެ ރަށްތަކުގެ މީހުންގެ ދިރިއުޅުން ގާތުން ބަލާލުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބިގެން ދެއެވެ. ހަމަ މިއާއެކު އެއާޕޯޓާ ގުޅިފައިވާ ފެންވަރު ރަނގަޅު ހޮޓެލް އަކާއި ފެންވަރު ރަނގަޅު 2 ރިސޯޓުގެ އިތުރުން ގިނަ ގެސްޓް ހައުސް ތަކެއް އައްޑޫގައި ދަނީ ހުޅުވި ޚިދުމަތް ދެމުންނެވެ.
ވޭތުވެ ދިޔަ އަހަރު އައްޑޫގައި ބޭއްވި ސަޓާ އެވޯޑަށް ފަހު އައްޑޫއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ގިނަ ވެފައިވާ ކަމަށް ފަތުރުވެރިކަމާ ގުޅުން ހުރި ދާއިރާތަކުން އައްޑޫގައި މަސައްކަތް ކުރާ ގިނަ ބަޔަކު ބުނެއެވެ.
ސަޓާ އެވޯޑު ބޭއްވި އީކުއޭޓަރ ވިލެޖްގެ މެނޭޖަރ ވިދާޅުވީ އެ އިވެންޓަށް ފަހު އީކުއޭޓަރ ވިލެޖަށް އަންނަ ގެސްޓުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާކަމަށެވެ.
އެޓާއިން އިންޑިއާ އަދި ސްރީލަންކާގައި އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މިހާރު މަސައްކަތްކުރަމުންދާއިރު، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން 2012 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް 31،721 ފަތުވެރިން ޒިޔާރަތްކުރިއިރު، 2017 ވަނަ އަހަރު މިއަދަދު ވަނީ އެއްލައްކަ ފަންސާހަށް އަރާފައެވެ. އަދި ވަކިން ހާއްސަކޮށް މިދިއަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއައި ފަތުރުވެރިންގެ ނިސްބަތް އާދަޔާ ޚިލާފަށް ބޮޑުކަން ފާހަގަކުރެވެއެވެ.