English Edition
Dhivehi Edition

ރާއްޖޭގެ ސިޔާސީ މަސްރަޙް ހަލަބޮލިވެފައިވާ މި ދުވަސްވަރުގައި އެންމެ ގިނަ ފާޑުކިޔުންތައް އަމާޒުވާ އެއްފަރާތަކީ ފުލުހުންނެވެ. މުޒާހަރާތަކުގައި ފުލުހުންގެ އަމަލުތައް ހުންނަ ގޮތުގެ ވާހަކައެވެ. އާންމު ރައްޔިތުންނަށް އަނިޔާ ކުރާ ވާހަކައެވެ. ވަކިން ޚާއްޞަކޮށް އިދިކޮޅު ފަރާތްތަކުގެ މީޑިއާތަކުން ކުރާ ކަވަރޭޖްތަކުގައި މިވާހަކަ ގިނައެވެ. ސޯޝަލް މީޑިއާގައި ވެސް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ފުލުހުންނާ ދިމާއަށް އިނގިލި ދިއްކޮށް ފުލުހުން ކުއްވެރިކޮށް ދައްކާ ވާހަކަ ގިނައެވެ. ވަކިވަކި ފުލުހުންގެ ފޮޓޯ ސޯޝަލް މީޑިއާއަށް ލުމަށްފަހު އެކިގޮތްގޮތަށް އިންޒާރުދޭތަން ވެސް ފެނެއެވެ. ނަމަވެސް އިއްޔެގެ މުޒާހަރާއިން ފެނިގެންދިޔަ ފުލުހުންގެ ޚާއްޞަ 3 ފޮޓޯއެއް ސޯޝަލް މީޑިއާގައި ހަލުވި ކަމާއެކު ދައުރުވަމުންދާއިރު އެ ފޮޓޯތަކަށް މީހުން ކޮށްފައިވާ ތައުރީފުވެސް މަދެއްނޫނެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމުން ގެންދަނީ އިދިކޮޅު ފަރާތްތަކުން ހިންގާ ސޯޝަލް މީޑިއާގެ ގުރޫޕްތަކަށް މި ފޮޓޯތައް އަޕްލޯޑުކޮށް ފުލުހުންނަކީ ރައްޔިތުންނާ ދެކޮޅު ބައެއް ނޫންކަމަށް ބުނަމުންނެވެ. ފުލުހުންގެ މަސައްކަތަށް ސެލިއުޓް ދެމުންނެވެ.

ފުލުހުންގެ މަސައްކަތަކީ ގައުމުގައި އަމަން އަމާންކަން ގާއިމުކުރުމެވެ. ކޮންމެ ފިކުރެއްގެ ކޮންމެ މީހަކު ނުވަތަ ބައެއް ކަމުގައި ވިޔަސް ފުލުހުންގެ ވާޖިބަކަށް ވެފައި އޮންނަނީ ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމުކޮށް ދިނުމަށްޓަކައި ގައުމުގެ އަމާންކަން ނަގާލާ ބަޔަކު ހުއްޓުވުމެވެ. އެއީ ފުލުހުންގެ ވާޖިބެވެ. އެއީވެސް ހަމަ ދިވެހި ރައްޔިތުންނެވެ. ދިވެހި މަންމައަކާއި ބައްޕައެއްގެ ދަރިންނެވެ. ފުލުހުންގެ ވެސް ދައްތައިންނާއި ބޭބެއިން ތިބޭނެއެވެ. އަނބިންނާއި ފިރިން އަދި ދަރިންވެސް ތިބޭނެއެވެ. ކޮއްކޮއިންނާއި ފަހަރިން އަދި ޅިޔަނުންނާއި އެކުވެރިންވެސް ތިބޭނެއެވެ. މީސްކޮޅު މަދު މި ރާއްޖޭގެ ގިނަ ވާނީ އާއިލީގޮތުން ކޮންމެވެސް ހިސާބަކުން ތިމާގެ އާއިލީ މީހުންނެވެ. ފުލުހުންނަކީ ވެސް ހަމަ ހިތްހެޔޮ ދިވެހިންނެވެ. ގައުމަށް ހެޔޮއެދޭ ގައުމުގެ ދަރިންނެވެ.

ސިޔާސީ މަސްރަޙު ހަލަބޮލިވެގެންދާ މިފަދަ ކޮންމެ ދަނޑިވަޅެއްގައި އަރާމެއް ނެތި މަސައްކަތް ކުރަން ޖެހޭ އެއްބަޔަކީ ހަމަ ދިވެހި ފުލުހުންނާއި ސިފައިންނެވެ. މުޒާހަރާތައް ކޮންޓްރޯލް ކުރުމާއި ގާނޫނާއި ޚިލާފުވެ އަމުރަށް ބޯ ލެނބުމެއްނެތި ކަންތައްތައް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ ފުލުހުންގެ މަސައްކަތުގެ ބަޔެކެވެ. މިފަދަ މަސައްކަތް ތަކުގައި ބައެއްފަހަރު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވެސް އަނިޔާ ލިބޭތަން އާދެއެވެ. ހަމަ އެހެންމެ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ވެސް އަނިޔާލިބެއެވެ. ހަމަ ހަމަ ނަޒަރަކުން ބަލާއިރު މިފަދަ ހާދިސާތައް ހިނގާފައި ހުންނަނީ ހަމަ ކޮންމެވެސްއެއްފަރާތަކުން ދޫނުދީ ދެކޮޅުވެރިކަން ދެއްކުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މީގެ އަހަރުތަކެއް ކުރިން އެމްޑީޕީން އައްޑޫގައި ކުރި މުޒާހަރާއެއްގައި ޕިކަޕެއްގެ ދަށުވެ ދެފައި ޒަޚަމްވެ އަނިޔާލިބިގެން ދިޔަ ފުލުހެއްގެ ހަނދާންތައް މަދު ބަޔަކު ނަމަވެސް ހަނދާން ހުންނާނެއެވެ. އެހާދިސާ ހިނގިވަގުތު އެމްޑީޕީއަށް ސަޕޯޓް ކުރާ ޕާޓީގެ އިސްސަފުގައި މަސައްކަތް ކުރާ އަންހެން ކަނބަލަކު ބުނެލި ޖުމުލަ މިހާރުވެސް ތާޒާކަމާއެކު ހަނދާނުގައި އެބަހުއްޓެވެ.

“އަދި އެކަތި ހަނާކޮށްލާ. ހުރިހާ އެއްޗެއް ތިހެން މަރާ ހުސްކޮށްލާ” އެމީހާގެ މި ޖުމުލަ އަޑު އިވުމުން ހިތުގައި ޖެހުނެވެ. އޭރު ކުރިމަތީގައި ލިބުނު ވޭނުގައި ކުކުރަމުން ދިޔަ ފުލުސް މީހާ ވެސް ލޮލުގެ ކުރިމަތިން ފެންނަން އޮތެވެ. އެއީވެސް ހަމަ ދިވެހި ލޭ ހިނގާ ދަރިއެކެވެ.

ހަމަ މިގޮތަށް ފުލުހުން އެއްވެސް ރަޙުމެއް އަދި ބެލުމެއް ނެތި ޕެޕާސްރޭ ޖަހައި މީހުންނަށް އަނިޔާ ކުރާ ކަމަށް ސޯޝަލް މީޑިއާގައި ހެކިތަކާއެކު ހާމަކޮށްފައި އެބަހުއްޓެވެ. ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނާގޮތުގައި ގޭގައި ހަމަޖެހިގެން ތިބި ނަމަ މި އަނިޔާއެއް ނުލިބުނީހެވެ. އަމަންކަން ގާއިމު ކުރުމަށް ފުލުހުން ކުރާ މަސައްކަތަށް ހުރަސް ނާޅައި ހަމަޖެހިގެން މަޑުމަޑުން ތިބެ ޝުއޫރު ފާޅުކުރުމަކުން ލިބޭނެ އަނިޔާއެއް ނެތް ކަމަށެވެ. އަނިޔާ ލިބެނީ ފުލުހުންނާއި ސިފައިންނާ ދިމާއަށް ހަޑިހުތުރު އެއްޗެތި ގޮވައި ގާނޫނު މުގުރައި ހުދޫދުން ބޭރުވާން އުޅެ ތިމާމެންގެ ނުލަފާކަން ދައްކާ މީހުންނަށް ކަމަށް އެފަރާތްތަކުން ބުނެއެވެ. ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން މިފަދަ މަންޒަރުތަކުގެ ހެކިވެސް ދައްކާފައި އެބަހުއްޓެވެ.

ދާދިފަހުން ހިތަދޫގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި އަންހެނަކު ލަވައަކަށް ނަށަމުން ފުލުހެއްގެ ހަށިގަނޑުގައި އަތް ހާކާ މަންޒަރު ފެނުނެވެ. އަދި އޭނާއަށް ސަޕޯޓުކޮށް އެހެންމީހުން އެމަންޒަރު ވީޑިއޯ ކުރާ ތަންވެސް ފެނުނެވެ. ފުލުސް މީހާ ހުރީ ޑިއުޓީގައެވެ. އެއްވެސް ހަރަކާތެއް ނުކޮށެވެ. ކުޑަމިނުން އަންހެންމީހާގެ ހަރަކާތަކަށް ނުވެސް ބަލައެވެ. ޑިޔުޓީގައި ހުރި ފުލުހުންގެ މީހާގެ ގަޔަށް އަތްލައި ނޭއްގާނީ އަމަލު ހިންގީ ހަމަ އާންމު ރައްޔިތެކެވެ. އެ މަންޒަރު ފެނުނު އިދިކޮޅު ފަރާތްތަކުން ވެސް ވަނީ އެއީ ހުތުރު އަމަލެއް ކަމަށާއި އެފަދަ ގޮތްގޮތަށް މުޒާހަރާގައި އަމަލު ހިންގައިގެން ނުވާނެ ކަމަށް ބުނެފައެވެ. ހަގީގަތަކީ ވެސް އެއީއެވެ. މުޒާހަރާ ކޮށް މަގުމައްޗަށް ނިކުންނަނީ ތިމާމެން ގަބޫލު ކުރާގޮތުގައި އިންސާފާއި ހަމަ ގާއިމު ވެފައި ނެތުމުންނެވެ. އެއީ ތިމާމެންގެ ފިކުރެވެ. ގަބޫލުކުރާގޮތެވެ. މުޒާހަރާ ކުރަނީ ފުލުންނާއި ސިފައިންނަކާއެއް ނޫނެވެ.

ދިވެހިންނަކީ މީހުންނަށް ހެޔޮ ބައެކެވެ. އެއްބައިވަންތަ އެކުލުންތެރި ހިތް ހެޔޮ ރައްޔިތުންތަކެކެވެ. ފުލުހުންނާއި ސިފައިންނަކީ ވެސް ދިވެހި ރައްޔިތުންނެވެ. ހަމަ އެ ހިތްހެޔޮ ރައްޔިތުންގެ ތެރެއިން ބައެކެވެ. އަދާ ކުރަންޖެހޭ މަސައްކަތާއި ވާޖިބުގެ ސަބަބުން ރައްޔިތުންނާ ކުރިމަތިލާން ޖެހެނީއެވެ. އެހެންނަމަވެސް އެއީ ރައްޔިތުންގެ ހަތުރުންނެއް ނޫނެވެ!

1 ކޮމެންޓް
އަމީލާ
މާޗް 3, 2018
ކޮންމެ މީހަކު ވިޔަސް ހައްދުން ބޭރުވާން ވެއްޖެއްޔާ އަދަބު ދޭނެތާ. ފުލުހުންގެ މަސައްކަތަށް ހަމަ ސާބަސް!