English Edition
Dhivehi Edition

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، އިއްޔެ ކުރިއަށްދިޔަ މުޒާހަރާގައި ޗެނަލް 13 ގެ އަންހެން ނޫސްވެރިޔަކަށް ފުރައްސާރަކުރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ހަވީރު ދައުރުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ޗެނަލް ތޭރައިގެ ނޫސްވެރިޔާ ލަޔާލް މަނިކު މުޒާހަރާ ކަވަރުކުރަން އަލިކިލެގެފާނު މަގަށް ދިޔުމުން މުޒާހަރާގެ ބައިވެރިން، ޚާއްސަކޮށް ދެތިން ފިރިހެނަކާ 2 އަންހެނަކު ލަޔާލްގެ ކުރިމައްޗަށް އަރާ، ގެނަސްދެމުންދިޔަ މަޢުލޫމާތަށް ހުރަސްއަޅާ މަންޒަރެވެ.

އަދި ޗެނަލް ތޭރަ ބަންދުކުރުމަށް ގޮވާލާ، އެޗެނަލްއިން ގެނަސްދެނީ “ރައްޔިތުން” ބޭނުންވާ މަޢުލޫމާތު ނޫންކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ހަޅޭއްލަވާފައެވެ..

“އަޅުގަނޑު އެސަރަޚައްދަށް ދިޔުމުން މުޒާހަރާ ވަގުތުން ބަދަލުވެއްޖެ ޗެނަލް 13 އާ ދެކޮޅަށް ކުރާ މުޒާހަރާއަކަށް. ނޫސްވެރިކަމަކީ ކުށެއް ނޫންކަމަށް ގޮވާލަމުންދިޔަ މީހުން، ފެނުނީ ނޫސްވެރިކަމަށް ހުރަސްއަޅާ މަންޒަރު” ޚަބަރު އެމްވީއަށް ލަޔާލް ކިޔައިދިނެވެ.

ރައްޔިތުންނާހަމައަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ޗެނަލް ތޭރައިގެ ނޫސްވެރިޔަކު މަސައްކަތްކުރަމުން ދަނިކޮށް، އެ އެއްވުމުގެ ތެރޭގައި ހިމެނޭބަޔަކުވަނީ ހުތުރު އަދި ބޭއަދަބީ ބަސްތަކުން އެ ނޫސްވެރިއާއާ މުޚާތަބުކޮށް ފުރައްސާރަކޮށްފައެވެ.

މި ހާދިސާ އާއި ގުޅިގެން، މިނިވަން ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ފުރައްސާރަތައް ހުއްޓާލާ، މިނިވަން ނޫސްވެރިކަމަށް ޖާގަދިނުމަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމުން އިދިކޮޅު ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.

މިކަމާއި ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ ޙާލަތު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައި މިނިވަން ނޫސްވެރިކަމުގެ ދާއިރާ މުހިންމު ދައުރެއް އަދާކުރާކަމަށެވެ. އަދި ނޫސްވެރިންނަކީ މިނިވަންކަމާއެކު ހަރަކާތްތެރިވާ ބަޔަކަށްވުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކުންވެސް ދޭންޖެހޭނެކަމަށް އެ ޕާޓީން ޤަބޫލުކުރާކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

މިކަން ކުއްވެރިކޮށް ސޯޝަލް މީޑިއާގައިވެސް ބައެއް ފަރާތްތަކުން ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. އެގޮތުން ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނުވެސް ވަނީ މިކަން ކުއްވެރިކުރައްވާފައެވެ.

ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ސިޔާސީ ގޮތުން އާންމު ފަރުދުންގެ ޙިޔާލު ތަފާތުވި ނަމަވެސް، މިނިވަން ނޫސްވެރިކަމަކީ ފުރައްސާރަކޮށް ހުރަސް އަޅަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.