ފުޓްބޯޅަ ކުޅުންތެރި އެއްގެ ގޮތުގައި ދެން ހާސިލް ކުރަން ބޭނުންވާ ވަކި ހާއްސަ ކަމެއް ނެތް ކަމަށާއި ކުޅުން ތެރިއްގެ ގޮތުގައި ހާސިލް ކުރެވޭނެ ހުރިހާ ކާމިޔާބީއެއް ހާސިލް ކުރެ ވިއްޖެ ކަމަށް ޕޯޗުގަލްގެ ކެޕްޓަން އަދި ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
މީޑިޔާއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ ވަރަށް ގިނަ ކާމިޔާބީ ހޯދިއްޖެ ކަމަށާއި ދެން އިތުރު ކާމިޔާބީ އެއް ނުލިބުނަސް ދެރަ ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދަމަހައްޓަން މަސައްކަތް ކުރާނެކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.
ރޮނާލްޑޯ ބުނީ ކުލަބް ލެވެލް ގައި ހުރިހާ މުބާރާތެއް ކާމިޔާބު ކުރެ ވިއްޖެ ކަމަށާއި އެހެން ކަމުން ގައުމީ ޓީމައި އެކު ވޯލްޑްކަޕްގެ ތަށި އުފުލާލުމަކީ ދެކޭ ހުވަފެނެއް ކަމަށް ޕޯޗުގަލްއަށް ޔޫރޯ އުފުލާލަދިން ކެޕްޓަން ބުންޏެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދި ރޮނާލްޑޯ ބުނެފައިވަނީ މިހާރުވެސް ފުޓްބޯޅައިގެ ކެރިއަރު ނިންމާލަން ޖެހިއްޖެ ނަމަ އުފަލާއި އެކު އެކަން ކުރާނެ ކަމަށާއި އޭނާގެ ފުޓްބޯޅައިގެ ހަޔާތަކީ އޭނާ ހީވެސް ނުކުރާފަދަ ކާމިޔާބު ހަޔާތެއް ކަމަށްވުމުން ވަކި މީހަކާއި އަޅާކިޔާއިގެން ކުރިއަށް ދާން ބޭނުން ނުވާ ކަމަށެވެ.
ރޮނާލްޑޯ ބުނީ ކޮންމެ ކުޅިވަރެއް ކުޅުނު ކަމުގައި ވިޔަސް ތިބޭނީ އޭނާދެކެ ގަޔާވާ މީހުންނާއި ރުޅި އަންނަ މީހުންކަމަށެވެ.އެހެން ކަމަށް ވާއިރު މިހުރިހާ އެންމެންނަކީ ކާމިޔާބީގެ ސިއްރު ކަމަށާއި ރިއަލްމެޑްރިޑް އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް ސުކުރުވެރިވާކަމަށެވެ.