“ވަގުތު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ހިތަދޫ މަނިކުދަނޑުގައި މިހާރު ބާއްވަމުންދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ މިރޭކުޅުނު ފުރަތަމަ މެޗު ސިއާންސް އެފްސީ ކާމިޔާބު ކޮށްފިއެވެ. މަރަދޫ އެފްސީއާ ބައްދަލުކޮށް އެޓީމުން މެޗު ކާމިޔާބުކުރީ 3-4 ލަނޑުންނެވެ. މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ މަރަދޫ އެފްސީ އިންނެވެ. އެ ލަނޑު ޖަހައިދިނީ އިބްރާހީމް ހޫދު އައްބާސެވެ. ލަނޑުޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސިއާން އެފްސީ ވަނީ ލަނޑެއްޖަހައި އެއްވަރު ކޮށްފައެވެ. އެލަނޑު ޖަހައިދިނީ ރާއިދު ޒާހިރެވެ. އެލަނޑަށްފަހު އެޓީމަށް ހަމަނޭވާލާނެ ވަގުތެއްނުދީ މަރަދޫ އެފްސީންވަނީ އަނެއްކާވެސް ލީޑުނަގައިފައެވެ. ދެވަނަފަހަރަށް ލީޑުނަގައިދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ނަޝްތައު ނަސީމެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހައި ސިއާންސް އެފްސީ ވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްފައެވެ. ތިންވަނަ ފަހަރަށްވެސް މެޗުގެ ލީޑުނެގީ މަރަދޫ އެފްސީ އެވެ. އެހެންނަމަވެސް ލީޑުގައި އެޓީމަށް ހިފަހައްޓައި ނުލެވުނެވެ. މުހައްމަދު މާހީން ކާމިޔާބުކޮށްދިން ލަނޑުން ސިއާންސް އެފްސީ އަނެއްކާވެސް އެއްވަރު ކުރިއެވެ. އެޓީމް މޮޅުވި ލަނޑު ޖަހައިދިނީ ވެސް މާހިނެވެ. މި މެޗުގެ މޮޅު ކުޅުންޔެރިއަކަށް ހޮވުނީ ވެސް އޭނާއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރުންނަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.