އިދިކޮޅު އެމްޑީޕީ ދޫކޮށް ވެރިކަން ކުރާ ޕީޕީއެމާއި ގުޅިވަޑައިނުގަންނަވާނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ޝަރީފް ސަރުކާރާ ގުޅެން އުޅޭ ކަމުގެ އިޝާރާތެއް ކޮށްފިކަމަށް ބުނެ މީޑިއާއެއްގައި ލިޔެފައިވާ ލިޔުމަކާ ގުޅިގެން ޝަރީފް ވިދާޅުވީ އޭނާ ހުރީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ސާބިތުވެ ކަމަށެވެ. އެއްވެސް އުޖޫރައެއް ހޯދައިގެން ޕާޓީ ބަދަލު ކުރަން ގަސްތު ނުކުރާ ކަމަށާއި ވަކި ކަމެއްގައި އޭނާ ގެ ހިޔާލު ފާޅު ކުރުމަކީ ސަރުކާރަށް ތާއީދު ކުރުން ނޫން ކަމަށް ޝަރީފު ވިދާޅުވެފައިވެއެވެ.
” އަޅުގަނޑަކީ އޮޕްޒިޝަން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ސާބިތުވެ ހުރި މީހެއް” ކަމަށް ޝަރީފް ވަނީ ޓުވިޓާގައި ވިދާޅުވެފައެވެ.
ޝަރީފް އެމްޑީޕީ ދޫކޮށްލައްވަވާ ޕީޕީއެމާ ގުޅިވަޑައިގަންނަވަން އުޅުއްވަވާ ވާހަކަ މީގެ ކުރިން ވެސް މީސް މީޑިއާގައި ދެކެވިފައިވެއެވެ. އޭރުވެސް ޝަރީފް ވިދާޅުވީ އެއީ ހަގީގަތާ ޚިލާފުވާހަކަ ތަކެއް ކަަމަށެވެ.
ޝަރީފް އެމްޑީޕީ ދޫކުރައްވަން އުޅުއްވަވާ ވާހަކަ ފެތުރިގެން އުޅެނީ ، އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިއްޖެ ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ބުނެފައިވާ މައްސަލައިގައި ދިވެހި ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ތާއީދުކޮށް ޝަރީފް ކުރެއްވެވި ޓުވީޓަކާ ގުޅިގެންނެވެ އެ ޓުވީޓުގައި ޝަރީފު ވިދާޅުވެފައިވަނީ ކޮންމެ ބަޔަކަށް ވެސް ގައުމެއްގެ ދިދަ އެއް ޖަހައިގެން ވަގަށް އުޅެވިދާނެ ކަމަށެވެ. އަދި ޖަޕާނުން އެ ދެބޯޓު ނުހުއްޓުވީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ.
ޝަރީފްގެ މި ޓްވީޓާއި ގުޅިގެން އިނގިރޭސިވިލާތުގައި ކުރިން ހުންނެވި ދިވެހި ސަފީރު ޑރ.ފަރަހަނާޒް ފައިސަލް ވަނީ ޝަރީފަށް ރައްދު ދެއްވާފައެވެ. އެއާއި އެކު ޝަރީފް ވަނީ “”މީހަކު ދެކެ ރުޅި އަޔަސް ޤައުމު ހަލާކު ކުރަން އުޅޭކަށް ނުވާނެ” ކަމަށް ވިދާޅުވެފައެވެ.
މެމްބަރު ޝަރީފްގެ ވާހަކަ މިގޮތަށް މީޑިއާއަށް އައިސްފައިވާ އިރު، ވެރިކަން ކުރާ ޕީޕީއެމުން ވަނީ އިދިކޮޅު މެންބަރުންތަކެއް ވަރަށް އަވަހަށް އެޕާޓީއާއި ގުޅެން އުޅޭ ކަމަށް ބުނެފައެވެ. އެއާއެކު ވެރިކަން ކުރާ ޕީޕީއެމުން ދަނީ އިދިކޮޅު މެންބަރުން އެޕާޓީއަށް ގެންދިއުމަށް އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ.