“ވަގުތު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ހިތަދޫގައި މިހާރު ކުރިއަށްދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ މިރޭގެ ދެވަނަ މެޗު 3-1 ލަނޑުން މޮޅުވެ ކުއާޓާފައިނަލުގެ ޖާގައެއް ފަސްގަނޑަ އެފްސީވެސް ކަށަވަރު ކޮށްފިއެވެ. މިމެޗު ފަސްގަނޑަ ކާމިޔާބުކުރީ އެފްސީ ޓައިޓަންސްއާ ބައްދަލުކޮށް ގެންނެވެ. ހިތަދޫ މަނިކު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ފަސްގަނޑަ ޓީމުގެ ކެޕްޓަން ހަސަން ފަސާހުވަނީ 3 ލަނޑު ޖަހައި ހެޓްރިކް ހަދައިފައެވެ. ދެވަނަ ހާފުގައި ޓައިޓަންސްގެ ކުޅުން ރަނގަޅުކޮށް އެޓޭކުކުރަން ފެށިއެވެ. ޓައިޓަންސްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެ ލަނޑު ޖަހައިދިނީ އަނިލްއެވެ. މިއީ އޭނާ މި މުބާރާތުގައި ކާމިޔާބުކުރި 10 ވަނަ ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފަސްގަނޑަ އެފްސީއަށް ތިން ލަނޑުޖަހައިދިން ފަސާހުއެވެ. މިނަތީޖާއާއެކުވެސް ކުއާޓާއަށް ދިޔުމުގެ ފުރުސަތު ޓައިޓަންސްއަށް އަދިވެސް އެބައޮތެވެ. އެއީ ޓީމްގެ ފުރަތަމަ މެޗު އެމީހުންވަނީ ކާމިޔާބުކޮށް ތިން ޕޮއިންޓް ހޯދައިފައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރުންނަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.