English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގައި މިހާރު ކުރިއަށްދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ މިރޭގެ ފުރަތަމަ މެޗުގައި ޗެލެންޖާސް އާއި އެފްސީ ޒެލޯން ބައްދަލުކުރި މެޗު 3-4 ލަނޑުން ޒެލޯން ކާމިޔާބުކޮށްފިއެވެ. ހިތަދޫ މަނިކު ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ޒެލޯން އިންވަނީ ރަނގަޅަށް ކުޅެ ދެ ލަނޑު ޖަހައިފައެވެ. މިއީ ހަސަން އައިކާއި، އަހުމަދު ތަލާލް ޖަހައިދިން ދެ ލަނޑެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލެންޖާސްއިން ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެ ލަނޑަކީ ޒެލޯންގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޒެފްލޯންގެ އިބްރާހީމް އަލްޒަމް ވަނީ އެޓީމަށް ލަނޑެއް ޖަހައިދީފައެވެ. ލަނޑު ޖެހިތާ މާގިނަ އިރެއްނުވަނީސް ޗެލެންޖާސްގެ އަބްދުﷲ އައްޒާމް ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހައި ނާތީޖާ 3-2 އަށް ބަދަލު ކޮށްފައެވެ. ޒެލޯންގެ 4 ވަނަ އެޓީމަށް ޖަހައިދިނީ ވެސް އަލްޒަމްއެވެ. ޗެލެންޖާސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލު ޖަހައިދިން ކުޅުންތެރިއާއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެލޯންގެ އަހުމަދު ތަލާލެވެ. މި ނަތީޖާއާއެކު ޒެލޯންވެސް މިހާރުވަނީ ކުއާޓާފައިނަލުން ޖާގައެއް ހޯދައިފައެވެ. މި މެޗުން ބަލިވ ޗެލެންޖާސް ވަނީ މުބާރާތުން ކަޓައިފައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރުންނަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.