ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޕޯސްޓް ގްރެޖުއޭޓް ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.
އެ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ ލިޔުން ހަވާލު ކުރެވިފައިވަނީ ސްކޮލަރޝިޕްތަކަށް ކުރިމަތިލީ ދަރިވަރުން ގެ ތެރެއިން ހޮވުނު 24 ދަރިވަރަކަށެވެ. މި ދަރިވަރުންގެ ތެރެއިން 1 ދަރިވަރަކަށްވަނީ ޝަހީދު އެވޯޑް ދީފައެވެ.
ޝަހީދު އެވޯޑަކީ 3 ނޮވެމްބަރ ގައި ޝަހީދުވި ފަރާތްތަކުގެ ހަނދާން އާކުރުމުގެ ގޮތުން، ޤައުމީ ޔުނިވަރސިޓީގެ އެންމެ މަތީ ފަންތީގެ ކޯސްތައް ކިޔަވާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ޙާސިލްކުރާ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1999 ވަނަ އަހަރުން ފެށިގެން ދޭ އެވޯޑެކެވެ.
ޤައުމީ ޔުނިވަރސިޓީގެ ސްކޮލަރޝިޕް ފުރުޞަތުތަކަކީ މަތީ ތަޢުލީމަށް ކިޔެވުމަށް ބޭނުންވާ ފެންވަރު ހުރިނަމަވެސް މާލީގޮތުންނާއި އެކި ގޮތްގޮތުން މަތީ ތަޢުލީމަށް ކިޔެވުމަށް ދަތިވެފައިވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އެ ޔުނިވަރސިޓީން ދޭ ފުރުޞަތުތަކެކެވެ.
މުޅިން ހިލޭ ކިޔެވޭ ހަތަރު ސްކޮލަޝިޕާއި ޓިއުޝަންފީ ސްޕޮންސާ ކޮށްފައިވާ 20 ސްކޮލަޝިޕަށް 200 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލީ ކަމަށް ވިދާޅުވަމުން އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ އާއިޝަތު ޝާހީން ވިދާޅުވީ، ސްކޮލަޝިޕް ލިބޭ ދަރިވަރުން ހޮވަނީ އެކަމަށް ޚާއްސަ ކޮމެޓީން ދަރިވަރުންނަށް މާކްސް ދިނުމުން، އެންމެ މަތީން މާކްސް ލިބޭ ދަރިވަރުންނަށްކަމަށެވެ.
ޝާހީން އިތުރަށް ވިދާޅުވީ އެ ޔުނިވަސިޓީގެ ދަރިވަރުންނަކީ މުޖުތަމަޢުގައި ތަފާތު ދައްކާ ކުދިބަޔަކަށް ވާންޖެހޭ ކަމަށެވެ. އެހެންކަމުން މިއަދު ސްކޮލަޝިޕް ލިބުނު ދަރިވަރުންގެ ފަރާތުން ޤައުމީ ފެންވަރުގަ އާއި ޔުނިވާސިޓީ އަށް ވެސް ފައިދާ ހުރި ހިދުމަތްތަކެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި މެހެމާން، އެ ޔުނިވާސިޓީގެ ކައުންސިލް މެމްބަރު އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިޝަލް ޑރ. ފާތިމަތު ނަޒްލާ ވަނީ ތައުލީމް ހާސިލްކުރަން އެ ދަރިވަރުންނަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް މިއަދުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް އިލްތިމާސް ކުރައްވައިފައެވެ.
ނަޒްލާ ވިދާޅުވީ ތައުލީމް ހާސިލް ކުރާ އިރު އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމަކީ މުހިއްމު ކަމެއް ކަމަށާއި އެކަމުގެ ފައިދާ ފަހުން ކުރާނެކަމަށެވެ.
ޔުނިވާސިޓީން ސްކޮލަޝިޕް ދެމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.