English Edition
Dhivehi Edition

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން،، އަދި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ސަރުކާރުން އިސްތިއުފާ ދެއްވައިފި އެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ދުންޔާ އިސްތިއުފާ ދެއްވުމަށް ފަހު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެކި ފަރާތްތަކުގެ ފިންތުންތައް އަންނަ ކަމަށާއި އެކަމަކު ހުންނެވީ ޤަބޫލު ކުރެއްވުން މަތީ ސާބިތުކޮށް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިއަދު ވަކިވެވަޑައިގެންފައިވީ ނަމަވެސް އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ވިސްނުމެއް ނެތްކަން ދުންޔާ މައުމޫން ވަނީ ހާމަކުރައްވަވާފައެވެ.

މިއަދުގެ ބަޔާނުގައި ދުންޔާ ވިދާޅުވެފައިވަނީ، ރުޅިވެރިކަމާއި ހަސަދަޔާއެކު އެއްވެސް މައްސަލައެއް ހައްލެއް ނުކުރެވޭނެ ކަމަށެވެ. މަޝްވަރާކޮށްގެން މެނުވީ މިހާރު ދިމާވެފައިވާ ހަލަބޮލިކަމަށް ހެއްލެއް ނެތް ކަމަށެވެ. މި ހާލަތުން އަރައިގަތުމަށް ހުރިހާ ދިވެހިން މަސައްކަތްކުރުމަކީ ކުރިއަށް އޮތް ޖީލްތަކުގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

މިބަޔާނުގައި އިތުރަށް ދުންޔާ ވިދާޅުވެފައި ވަނީ އޭނާ ހުންނެވީ ރައީސް ޔާމީންގެ އަރިހުގައި ކަމަށާއި އެހެން ލީޑަރުންނާއެކު މަޝްވަރާ ކުރިޔަށް ގެންދިއުމަށް ވެވެން އޮތް އެހީތެރިކަމެއް ދެއްވަން ތައްޔާރަށް ހުންނެވި ކަމުގައެވެ.

ދުންޔާ މިއަދު މަޤާމުން އިސްތިއުފާ ދެއްވިއިރު މިމަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ބައްޕާފުޅު މައުމޫނު އަބްދުލްޤައްޔޫމް ހައްޔަރުކުރި ފަހުން ދުންޔާ ހުންނެވީ ސަރުކާރާއި ދުރުގައެވެ.

އަދި އިސްތިއުފާ ދެއްވީ އެފަދަ އިޝާރާތެއް ކުރެއްވުމަށް ފަހު ޗުއްޓީއަށް ވަޑައިގެން ހުންނެވުމަށް ފަހުގައެވެ.

ދުންޔާއަކީ ރައީސް ޔާމީނުގެ ސަރުކާރާއި ރައީސް ޔާމީނާއި އެކު މިހާތަނަށް ތިއްބެވި ރައީސް މައުމޫނުގެ ދެބޭފުޅުންގެ ތެރެއިން އެކަކެވެ. ރައީސް މައުމޫނުގެ ހަގު ދަރިކަލުން ޤައްސާނު މައުމޫނު އަދިވެސް ހުންނެވީ ރައީސް ޔާމީނާއި އެކު ސާބިތުވެއެވެ.