English Edition
Dhivehi Edition

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ސިޔާސީ ޚިޔާލު ތަފާތުވުންތަކާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް މަޝްވަރާގެ މޭޒަށް އައުމަށް ދިވެހި ސަރުކާރުން އަނެއްކާވެސް ގޮވާލައިފިއެވެ

މިގޮތުން ޕާޓީތަކުގެ ކަންބޮޑުވުންތައް ޙިއްޞާކޮށް، މިހާރު ދިމާވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި ސަރުކާރުން އެކިފަހަރުމަތިން އަރުވާފައިވާ ދަޢުވަތުތަކަށް ޖަވާބެއްދީފައި ނުވާ 3 ޕާޓީ ކަމަށްވާ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީި އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމަށް ސަރުކާރުން ގޮވާލާފައިވެއެވެ

15 ފެބުރުވަރީ 2016 އިން ފެށިގެން މިއަދާހަމައަށް ޖުމުލަ 8 ފަހަރެއްގެ މަތިން ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ސަރުކާރުން ދަޢުވަތު އަރުވާފައިވީނަމަވެސް، މި ދަޢުވަތުތަކަށް މި ޕާޓީތަކުގެ ފަރާތުން ޖަވާބެއް ލިބިފައިނުވާތީ ސަރުކާރުން ހިތާމަކުރައްވާކަން ހާމަކޮށްފައިވެއެވެ

އަދި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބެއްކަން ޔަގީންކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަކީ މުހިއްމުކަމެއް ކަމަށް ފާހަގަކުރުމާއެކު، އިއްޔެ ބޭއްވުނު ކައުންސިލް އޮފް ދަ ޔޫރަޕިއަން ޔޫނިއަންގެ ބައްދަލުވުމުގައިވެސް މިހާރު ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަކީ ވަރަށް މުހިއްމު ކަމެއްކަން ސަރުކާރުން ފާހަގަ ކުރައްވައެވެ

ސަރުކާރުގެ ފަރާތުން ފިޝަރީޒް މިނިސްޓަރު ޑރ މުޙައްމަދު ޝައިނީ މިކަމަށް ގޮވާލައްވާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޔޫރަޕިއަން ޔޫނިއަން، އީޔޫން ނެރުނު ސްޓޭޓްމެންޓުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގެ މުހިންމުކަން ފާހަގަކޮށްފައިވާކަމަށެވެ

އެހެންކަމުން މިމަޝްވަރާތަކަށް އެއްވެސް ޝަރުތެއްނެތި ހުރިހާ ޕާޓީތަކުންވެސް ބައިވެރިވުމަށް ޝައިނީ އެދިވަޑައިގެންނެވިއެވެ

ގައުމުގެ މަސްލަހަތު އިސްކޮށް އެ ދައުވަތު ގަބޫލުކުރިކަން ރަސްމީކޮށް އެންގީ، ސަރުކާރުގެ ކޯލިޝަން ގައި ހިމެނޭ، ޕީޕީއެމާއި އެމްޑީއޭގެ އިތުރުން ޑީއާރުޕީ އިން އެކަނި ކަމަށް މީގެ ކުރިން ޝައިނީ ވަނީ ވިދާޅުވެފައެވެ

ގަދަކަމަކުން މިހާރު ސަރުކާރު ލައްވައި ކަންތައްތަކެއް ނުކުރެވޭނެ ކަން އިދިކޮޅު ފަރާތްތަކަށް އެނގެންވާނެ ކަމަށް ޤަބޫލު ކުރައްވާކަމަށާއި އަދި ސަރުކާރު ވައްޓައެއް ވެސް ނުލެވޭނެ ކަން އިދިކޮޅު ފަރާތްތަކަށް މިހާރު ވާނީ އެނގިފައި ކަމަށް އޭނާ ވިދާޅުވިއެވެ.ދިވެހި ރައްޔިތުންގެ ހައްގުގައި އިދިކޮޅު ފަރާތްތަކުން ކަންތައްތަކެއް ރަނގަޅު ކުރަން ހުރި ކަމުގައިވާނަމަ އެކަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ ސަރުކާރާ ވާހަކަދެއްކުން ކަމަށްވެސް ޝައިނީގެ ވާހަކަފުޅުގައި މީގެކުރިން ފާހަގަކުރައްވާފައިވެއެވެ

ދިވެހި ސަރުކާރުން ބުނެފައިވަނީ އިދިކޮޅު ފަރާތްތަކާއެކު ވާހަކަ ދައްކައިގެން މަޝްވަރާ ފަށާނެ މާހައުލެއް ހޯދަން އދ. އިން އެދިފައިވީ ނަމަވެސް މަޝްވަރާތައް ނުފެށި ލަސްވަމުން ދަނީ އާއްމު އުސޫލުން، އިދިކޮޅު ފަރާތްތަކުން އަމިއްލަ މަސްލަޙަތު އިސްކޮށް ކުރިމަތި ކުރުވަމުންދާ ޝަރުތުތަކަކާ ހެދި ކަމަށެވެ

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރިފަހުން މިމަޝްވަރާތަކަށް ސަރުކާރުން ގޮވާލި މިއީ ތިންވަނަ ފަހަރެވެ