English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫ ތީމާގޭ ގޯތިތެރޭގައިއޮތް ކާރެއްގައި ރޭ ދަންވަރު “ރޯވެ” ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ. މިހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:30 އެހައިކަންހާއިރުއެވެ. މިއީ އައްޑޫސިޓީ ޕޮލިހުގައި މަސައްކަތްކުރާ ފުލުހެއްގެ ކާރެކެވެ. އޭނާބުނީ ކާރަކީ މުޅިން އައުކާރެއް ކަމަށެވެ. ކާރު ބޭނުންކުރަން ފަށައިފައިވަނީ ފިތުރުއީދު ދުވަހުއެވެ. “މިކާރަކީ ދެލައްކަ އަށްޑިހަ ވަރަކަށްހާސް ރުފިޔާގެ އަގުހުރި ކާރެއް. ކާރު އަލަށްވެސް ދުއްވަން ފަށައިފައިވަނީ އީދުދުވަހު،” އޭނާ ބުންޏެވެ. ކާރުގެވެރި ފަރާތުން ތުހުމަތުކުރަނީ ބަޔަކު ގަސްތުގައި އޭގައި ރޯކޮށްލީ ކަމަށެވެ. “އަހަރެން ގެއަށް އައިސް ކާރުޕާކު ކުރީ ރޭ ދަންވަރު އެއްގަޑި ތިރީހުގައި. ޕާކުކޮށްފައި އިންޖީނު ނިއްވާލުމަށްފަހު ގެއަށްވަނީ. ކާރުރޯވީ ދެގަޑި ބައި އެހައިކަންހާއިރު. ގެއަށް އައިމަގުމަތީގައި އަހަންނަށް ހީވި ފަހަތުން ސައިކަލެއް އައިހެން. އެހެންވެ ކާރު މަޑުވެސްކުރިން. މަޑުކުރީމައި ފަހަތުންއައި ސައިކަލް ހިނގައްޖެ،” އޭނާ ބުންޏެވެ. ތީމާ ގެއިން ވާހަކަ ދެއްކި މީހުންބުނީ އެމީހުންނަށް ހޭލެވުނީ އަޑެއް އިވިގެން ކަމަށެވެ. “ކޮން އަޑެއްތޯ ބެލުމަށް ކުޑަދޮރު ހުޅުވާފައި ބެލިއިރު ކާރުގެ ކުރީކޮޅުގައިވަނީ ރޯވެފައި. ދެން ފުލުހުންނާއި ފަޔަރަށް ގުޅާފައި ގޭގެ އެންމެންވެގެން ފެންޖަހަންފެށީ. ފަޔަރު އައިއިރު ކާރުގެ ހަތްދިހަ ފަސްޕަސެންޓުވަނީ ނިވިފައި،” ތީމާއިން ވާހަކަ ދެއްކި ދެމީހުން ބުންނެވެ. ފުލުހުން މިހާރު ގެންދަނީ މައްސަލަ ބަލަމުންނެވެ. އެ ސަރަހައްދުގައި މިހާރުވެސް ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ.