މިހާރު ރާއްޖޭގައި މިއޮތީ ގާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތެއް ކަމުގައި ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
މިގޮތަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ 15 ދުވަހަށް އިޢުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލިހަށް ފޮނުވި މައްސަލަ މަޖިލީހުގެ 38 މެމްބަރުންގެ އިއްތިފާޤުން ފާސްކުރުމަށްފަހު، އެނިންމުން ސައްޙަތޯ ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށައެޅުމާ ގުޅިގެންނެވެ.
ގާނޫނީ ލަފާ ހޯދުމަށް ސުޕްރީމް ކޯޓުގައި އެދުމުން އެކޯޓުން މަޖިލީހަށް ދިން ލަފާގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ބާއްވާ މަޖިލީހުގެ ޖަލްސާތަކުގައި ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދު ކަމަށްވާ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ހާޒިރުވެ ތިބުމަކީ ދުސްތޫރީގޮތުން ލާޒިމްވެގެންވާ ކަމެއް ނޫންކަން އެނގެން އޮންނަ ކަމަށެވެ.
އަދި މި މަހުގެ 20 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ދައުރުން ބޭރުގެ ޚާއްސަ ޖަލްސާގައި، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ދުސްތޫރީގޮތުން ލާޒިމްވެގެންވާ ގާނޫނީ އަދަދަކީ ގާނޫނު އަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދުކަން އެނގެން އޮންނަ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
އެގޮތަށް އަމުރު ނެރެފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަމަށް އެ އަމުރުގައިވެއެވެ.