English Edition
Dhivehi Edition
ސުޕްރީމް ކޯޓުގެ ފަނޑިިޔާރުކަމުގެ ލިޔުން ޝަހީދުއާ، ރައީސް މުއިއްޒު މިއަދު ހަވާލު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސުޕްރީމް ކޯޓުގެ ބެންޗަށް، ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ހުސައިން ޝަހީދު މިއަދު އައްޔަންކުރައްވައިފިއެވެ.

ސ. ހިތަދޫ، ބާޒީގޭ، ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 64 މެންބަރުންގެ އިއްތިފާގުންނެވެ.

ޝަހީދަށް މަގާމުގެ ލިޔުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވީ މިއަދުގެ މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޝަހީދަށް މަގާމުގެ ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދެވެ. އަދި މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަހީދާ ހަވާލުކުރައްވައިފައެވެ.

މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިފައިވާޝަހީދު ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރީ ޖުލައި 24، 2018 ގައެވެ. އޭނާ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަންންކުރީ އޮކްޓޫބަރު 26، 2023 ގައެވެ.

މީގެ ކުރިން ޝަހީދު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމާއި ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމު ހިމެނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހުސްވީ މިދިޔަ މަހުގެ 26އިން ފެށިގެން ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު މިމަހުގެ ހަތަރު ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.

ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ފަނޑިޔާރަކު ހޯދަން ޖޭއެސްސީން ދެ ބުރަށް އިއުލާން ކުރުމުން ނަން ހުށަހެޅުއްވީ ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ޖޭއެސްސީން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސް މުއިއްޒަށް ލަފާއަރުވާށެވެ. އެހެންވެ، ޝަހީދުގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވުމުން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުން އޭނާ އަށް ރުހުން ދިނީއެވެ.