ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ސަރުކާރު ހިންގާ ޕީޕީއެމްގެ ޖެނެރަލެއް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ރުމާލު 2 ޖަގަހާގައި “ގައުމަށްޓަކައި މަގޭ މޭ އައްޑަނައަކަށް” ގެ ނަމުގައި ބޭއްވި ޖަލްސާގައި އަދުރޭ އަށް ތައުރީފު އޮއްސަވަމުން ނިހާން ވިދާޅުވީ، ފެބްރުއަރީ 1 އިން ފެށިގެން އިދިކޮޅު މީހުންނާ ބެހޭ ގޮތުން މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ ހަގީގީ ތެދު ވާހަކަތަކެއްކަން ސާބިތުވަމުން އަންނަ ކަމަށާއި އޭނާ ކުރައްވާ ހިތްވަރަށް ސާބަސް ދީ ޖެނެރަލެއްގެ ލަގަބު ދެއްވާ ކަމަށެވެ.
ނިހާން ވިދާޅުވީ އަދުރޭއަކީ “އައް ސައްޔިދު އަބްދުއް ރަހީމް އަބްދުﷲ” ކަމަށެވެ.
“އަބްދުއް ރަހީމް ކުރައްވާ މަސައްކަތަށް ސާބަސް. އެ ދައްކަވަނީ ވަރަށް ވަރުގަދަ ހިތްވަރެއް. އެމަނިކުފާނަށް ޖެނެރަލެއްގެ ލަގަބު ދެން. އައް ސައްޔިދު އަބްދުއް ރަހީމް” ނިހާން ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ މިއަދުގެ ސައްޔިދަކީ އަބްދުއްރަހީމް. އައްސައްޔިދް އަބްދުއްރަހީމް،” ނިހާން ވިދާޅުވި އެވެ. “މިކަމާ ވެސް ހިތުގެ ޖެހޭނެ ބަޔަކު ތިބޭނެ. ވަރަށް ބޮޑަށް އެ މީހުން މޭކަރާނެ. ނަމަވެސް މީގެ ފަހުން އަޅުގަނޑު އެ މަނިކުފާނަށް ގޮވާނީ އައްސައްދު އަބްދުއްރަހީމޭ ކިޔާފައި. ނިހާން ވިދާޅުވިއެވެ..”
ނިހާން ވިދާޅުވީ މިއަދު ޖުމުހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކެއް ފެބުރުއަރީގެ ހުކުމާ ގުޅޭ ގޮތުން ވެވަޑައިގެންނެވި އިއުތިރާފަކީ އެދުވަހުން ފެށިގެން އަދުރޭ ރައްޔިތުންގެ ކިބައިން އާދޭސް ދަންނަވަމުން ދެއްކި ވާހަކަ ތަކަކީ ތެދެއްކަން ސާބިތުކޮށްދޭ ހެއްކެއް ކަމަށެވެ.