English Edition
Dhivehi Edition

އިއްޔެ ހަވީރު އައްޑޫސިޓީގެ ހިތަދޫގައި ޕީޕީއެމުން ކުރިއަށް ގެންދިޔަ ރެލީގައި ފަސްޓްލޭޑީ ފާތުމަތު އިބްރާހީމްދީދީގެ މޮޓޯކޭޑަށް ހުރަސް އެޅި ކަމަށް ބުނެ ހައްޔަރު ކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެ މީހުން ދޫކޮށްލައިފި އެވެ.

ޕީޕީއެމްގެ ރެލީއާއި ދިމާކޮށް އައްޑޫގައި އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒާހަރާގެ ތެރެއިން މޮޓޯ ކޭޑަށް ހުރަސް އެޅިކަމަށް ބުނެ ހައްޔަރުކޮށްފައިވަނީ ސ.މަރަދޫ ފިތުރޯނުގޭ މުހައްމަދު ވަޖުދީ އާއި އެ އަވަށު ދޭލިގޭ އާސިމް ވަޖުދީ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މީހުން މޮޓޯކޭޑަށް ހުރަސް އެޅި ކަމަށް ބުނެ ހައްޔަރު ކުރީ ހިތަދޫގައި ތިބެފައި، މަރަދު އަށް ދިޔަ މަގުމަތީގައި މޮޓޯކޭޑާ ދިމާވެ ހިނގި ކަންތައްތަކުގެ ތެރޭގަ އެވެ.

ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ދޫކޮށްލައި، މި މަހު 1 ގައި އެ ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އިއްޔެ އިދިކޮޅު ޕާޓީތަކުން ހިތަދޫގައި ބާއްވަން އުޅުނު އެއްވުމަށް ފުލުހުން ވަނީ ހުރަސް އަޅައިފަ އެވެ. އެގޮތުން އެމްޑީޕީ ހިތަދޫ ހަރުގެ ސަރަހައްދަށް ޖަމާވި މީހުން ފޮނުވާލަން ފުލުހުން މަސައްކަތް ކުރީ ރަޔަޓް ގިޔަރުގަ އެވެ.