English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގައި އިދިކޮޅު ފަރާތްތަކުން މިއަދު ކުރިއަށް ގެންދާ އެއްވުމުގެ ތެރެއިން ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ އަދި އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ މުހައްމަދު ޔަސްރިފް ހައްޔަރުކޮށްފިއެވެ.

ޔަސްރިފްގެ އިތުރުން އިތުރު ކައުންސިލަރަކާއި، އެމްޑީޕީ އައްޑޫ ދާއިރާގެ ނާއިބު ރައީސް އިބްރާހީމް ރަޝީދު (އިބުރޭ) އާއި އާންމު މީހަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެމްޑީޕީ ހަރުގެ ކުރިމަތީގައި ފެށި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ފުލުހުން މިއަދު ހައްޔަރުކުރީ، މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުމެ އަޑު އުފުލަން ފެށުމުންނެވެ

އިދިކޮޅު ފަރާތްތަކުން ހިތަދޫގައި ކުރިއަށް ގެންދާ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވަނީ އެމްޑީޕީ އޮފީސް ހުންނަ ސަރަހައްދުގައި ބެރިކޭޑް ޖަހައި މުޒާހަރާ އަށް ހުރަސް އަޅާފައެވެ.

މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިއްޔެ ވެސް އައްޑޫ ސިޓީގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފައެވެ. އެމްޑީޕީގެ އައްޑޫ ގޮފިން ބުނެފައިވަނީ ސްޕްރީމްކޯޓުގެ އަމުރު ތަންފީޒު ނުކުރަނީސް މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ.