އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެކުލަވާލި އިކުއިޓޯރިއަލް ޓްރެވަލް އެންޑް ޓޫރިޒަމް އެސޯސިއޭޝަން (އެޓާ) ގެ ބޯޑުގެ އިފްްތިތާޙް ކޮށް އެބޯޑުގެ ރައީސަކަށް އީކުއޭޓަރ ވިލެޖްގެ މެނޭޖަރ މުޙައްމަދު ވަހީދު ހަމަޖައްސައިފިއެވެ.
އެޓާގެ ބޯޑު އެކުލަވާލުމަށް މިމަހުގެ 17 ވަނަ ދުވަހު އީކުއޭޓަރ ވިލެޖްގައި ބޭއްވި ބައްދަލުވުމުގައި ބޯޑުގެ އެކިއެކި މަގާމުތަކަށް ބޭފުޅުން ވަނީ އައްޔަން ކޮށްފައެވެ.
ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި ޕްރޮމޯޓުކުރުމަށް މަސައްކަތް ކުރުމާއި، ދެކުނުގެ ފަތުރުވެރިކަމުގެ މަސައްކަތް ކުރާ އެންމެން އެކުގައި މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމުކުރުމަކީ އެޓާގެ އެއް މަގްޞަދުކަމަށް ޖަމިއްޔާގެ ރައީސް ވަހީދު ވިދާޅުވިއެވެ.
ޖަމިއްޔާގެ މަސައްކަތް ތަކާ ބެހޭ ގޮތުން “އޭއޯ ނިއުސް” އަށް ދެއްވި އިންޓަވިއުއެއްގައި ވަހީދު ވިދާޅުވީ ދެކުނުގެ އަތޮޅުތަކުގައި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި އެންމެހައި ފަރާތްތަކާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ހުރި ފުރުސަތު ހޯދައިދީ އެފުރުސަތު ޖަމިއްޔާގެ އެންމެހައި މެމްބަރުންނަށް ފަހިކޮށް ދިނުމަށް ވެސް މި ޖަމިއްޔާއިން މަސައްކަތް ކުރާނެކަމަށެވެ. ހަމަ މިއާއެކު ފަތުރުވެރިކަމުގެ ދާއިރާ ގުޅުންހުރި މަސައްކަތްތެރިން އުފެއްދުމާއި އެކި ދާއިރާތަކުނ ބޭނުންވާ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރުން ވެސް މި ޖަމިއްޔާގެ މަސައްކަތުގެ ތެރޭގައި ހިމެނޭކަމަށް ވަހީދު ވިދާޅުވިއެވެ.
އެޓާގެ ބޯޑަށް ހޮވުނު ބޭފުޅުންނަކީ:
ރައީސް: މުޙައްމަދު ވަޙީދު ސ. ފޭދޫ މޫންލައިޓް
ނައިބްރައީސް: އަބްދުއްﷲ ޠައްޔިބު ސ.މަރަދޫ ހަޒާރުގެ
އަމީން އާންމު: މިސްބާޙް އަޙްމަދު ނަޒީރު ސ. ހިތަދޫ ސައްކެޔޮގަސްދޮށުގެ
އަމީން އާންމުގެ ނައިބު: މަރިޔަމް ގާސިމް ސ.ހިތަދޫ ސޯސަންގެ
އިންތިޒާމު ސެކެޓްރީ: މޫސާ ހަނީފް ދަފްތަރު 2124 މާލެ
ހަޒާންދާރު: އަޙްމަދު ނަދީމް ބިލެރުމާގެ ސ.ހިތަދޫ
އެޑްމިނިސްޓްރޭޓިވް ސެކެޓްރީ: އިބްރާހިމް ޝަޒިމް ރެސިޑެންސް ސ.މީދޫ
ބޯޑުގެ މަގާމު ތަކަށް ހޮވުނު ފަރާތްތަކުގެ ތެރެއިން ވަހީދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ތަފާތު އެކި މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަވާ އަދި އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އައްޑޫގެ ގަމުގައި ހިންގަމުން ގެންދާ އީކުއޭޓަރ ވިލެޖްގެ މެނޭޖަރ ކަމާއި ވަޙީދު ހަވާލުވެލެއްވެވި ފަހުން އީކުއޭޓަރ ވިލެޖަށް އައި ކުރިއެރުން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ނައިބް ރައީސަކަށް އަބްދުﷲ ތައްޔިބު އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވަވާ އަދި އައްޑޫސިޓީ ކައުންސިލްގެ މެމްބަރު ކަމާއި ޑެޕިއުޓީ މޭޔަރ ކަން ވެސް ކުރައްވަވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ތައްޔިބު ވަނީ އައްޑޫގައި ފަތުރުވެރިކަން ޕްރޮމޯޓުކޮށް ކުރިއެރުވުމުގެ ގޮތުން އަމިއްލަ ޑައިވިން ސެންޓަރެއްވެސް ހުޅުވައި އަމިއްލަ ގެސްޓުހައުސް ވިޔަފާރިވެސް ކުރައްވަވަމުންނެވެ.
ބޯޑުގައި ހިމެނިލައްވަވާ ގިނަ ބޭފުޅުންނަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަވާފައިވާ ދާއިރާގެ ހުނަރުވެރި ބޭފުޅުންނެވެ.
މި ޖަމިއްޔާގެ މުސްތަޝާރަކީ އައްޑޫގެ މޭޔަރ އަބްދުﷲ ޞާދިގެވެ
އެޓާ ގެ ބޯޑު އެކުލަވާލެއްވުމަށްފަހު ބޯޑުގެ ފުރަތަމަ ބައްދަލުވުން ވަނީ ބާއްވާފައެވެ.