English Edition
Dhivehi Edition

އައްޑޫސިޓީގައި ސަރުކާރުން އިމާރާތްކޮށްފައިވާ ފުލެޓްތައް ލިބޭމީހުންގެ ވަގުތީ ލިސްޓް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމުގެ މައުލޫމާތު ލިބިޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އީދުބަންދަށްފަހު ސަރުކާރު ހުޅުވިގެން މާގިނަދުވަހެއްނުވެ އެ ލިސްޓް އިއުލާން ކުރައްވާނެއެވެ. ވަގުތީ ލިސްޓް އިއުލާން ކުރެއްވުމަށްފަހު ޝަކުވާ ހުށަހެޅުމަށް ހަތްދުވަހުގެ މުހުލަތެއް ދެއްވާގޮތަށްވަނީ ހަމަޖެހިފައެވެ. އެ މުއްދަތު ނިމުމުން ހުށަހެޅުނު ޝަކުވާތައް ބެލުމަށްފަހު އިސްލާހު ކުރަންޖެހޭކަމެއް ވާނަމަ އެކަމެއް ރަނގަޅު ކުރުމަށްފަހު ދާއިމީ ލިސްޓް އިއުލާން ކުރައްވާނެއެވެ. މި ކަމާގުޅޭ ސާފު މައުލޫމާތު ހޯދުމަށް ހައުސިން މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކަށް ގުޅައިގެން އެމައުލޫމާތު ލިބޭގޮތެއް ނުވިއެވެ. ހައުސިން މިނިސްޓްރީން ކުރިން ވިދާޅުވެފައިވަނީ އައްޑޫގައި އަޅައިފައިވާ 312 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމައި މިއަހަރު މެއިމަހު މީހުން އުޅެން ފަށާނެ ކަމަށެވެ. ފުލެޓަށްއެދި ހުށަހަޅައިފައިވާ މީހުންގެ އިވެލުއޭޝަން ނިމި ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށްވެސް މިއަހަރު ފެބުރުއަރީގައި ހައުސިން މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. އައްޑޫސިޓީ ހިތަދޫގައި 264 ފުލެޓް އަދި ހުޅުމީދޫގައި 48 ފުލެޓް، ތަރައްގީކޮށް މިހާރުވަނީ ނިމިފައެވެ. ހިތަދޫގައި ތަރައްގީކޮށްފައިވާ ފުލެޓްތަކުގެ ތެރެއިން 150 ފުލެޓަކީ އެރަށުގެ ރައްޔިތުންނަށް ޚާއްސަކޮށްފައިވާ ފުލެޓްތަކެވެ. މަރަދުއާއި މަރަދޫފޭދޫ މީހުންނަށްވަނީ 30 ފުލެޓް ޚާއްސަކޮށްފައެވެ. ފޭދޫ މީހުންނަށްވަނީ 50 ފުލެޓް ޚާއްސަކޮށްފައެވެ. 34 ފުލެޓަކީ ވިޔަފާރި އުސޫލުން ވިއްކުމަށް ހަމަޖެހިފައިވާ ފުލެޓްތަކެވެ. މީގެ އިތުރަށް ފޭދޫގެ ހިއްކި ބިމުގައި 100 ފުލެޓް އިމާރާތް ކުރުމަށް ސަރުކާރުންވަނީ ނިންމައިފައެވެ. މިމަޝްރޫއުގެ ދަށުން އައްޑޫސިޓީގެ 1200 އެއްހާ މީހުްންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.