އިނގިރޭސި އެފްއޭކަޕްގެ ކުއާޓާފައިނަލްގައި ރޭ ކުޅުނު މެޗުތަށް ކާމިޔާބުކޮށް ޗެލްސީ އާއި ލެސްޓާ ސިޓީ ކުއާޓާ ފައިނަލްއިން ޖާގަ ހޯދައިފިއެވެ.
އެފްއޭކަޕްގެ ފަސްވަނަ ބުރުގައި އިނގިރޭސި ދެވަނަ ޑިވިޝަންގައި ކުޅޭ ހަލް ސިޓީ 4-0 ލަނޑުން ބަލިކޮށް ޗެލްސީ ކުއާޓާއަށް ދަތުރު ކޮށްފައިވާ އިރު ލެސްޓާ ކުއާޓާގެ ޖާގައެއް ހޯދާފައިވަނީ ދެވަނަ ޑިވިޝަންގެ ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް 1-0 ލަނޑުން ކުރި ހޯދައިގެންނެވެ.
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ދެވަނަ މިނެޓްގައި ވިލިއަންގެ ލަނޑުން ޗެލްސީ ލީޑު ނަގާފައިވާއިރު ޗެލްސީގެ ދެވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕެޑްރޯއެވެ. އަދި ޗެލްސީގެ ތިންވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓްގައި ކާމޔާބުކޮށްދީފައިވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވިލިއަންއެވެ.
އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮލިވިއޭ ޖިރޫ ވަނީ ޗެލްސީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ ޗެލްސީ އަށް ބަދަލުވިފަހުން ޖިރޫ އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
އެފްއޭ ކަޕްގައި ރޭ ކުޅުނު ލެސްޓާ އާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލު ކުރި މެޗުގައި މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ކުލަބް ބަދަލުކުރަން ބޭނުން ކަމަށް ބުނެ އެކަން ނުވުމުން ގިނަ ދުވަސްތަކެއް ފަހުން ލެސްޓާގެ މެޗަށް ނުކުތް ޒިޔާދު މަހެރޭޒްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިއެވެ.
ރޭގެ މެޗުގައި ލެސްޓާގެ ހަމަ އެކަނި ލަނޑު ޖެހުމުގައި ވެސް މަހެރޭޒްގެ ދައުރުވަރަށް ބޮޑެއެވެ.
ރޭގެ މެޗުގައި ލެސްޓާގެ ހަމަ އެކަނި ލަނޑު މެޗުގެ 66ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޭމްސް ވާޑީއެވެ.