އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-2 އިން ބަލިވެ ލިވަޕޫލް ކެޓިއިރު، ޗެލްސީ އާއި ލެސްޓާ ސިޓީ ކުޅުނު މެޗުތަކުން މޮޅުވެ އެ މުބާރާތުގެ އަނެއް ބުރަށް ދަތުރުކޮށްފިއެވެ.
ރޭގެ މެޗަށް ޔުނައިޓެޑް ނިކުތީ ލީގުގައި އެންމެ ފަހުން ފުލަމް އަތުން 2-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރަ އަށް ފަސް ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ކުރީ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އެރިކް ބާއީ އާއި ފްރެޑްގެ އިތުރުން ބްރޫނޯ ފެނާންޑޭސް އަދި އެންތަނީ މާޝިއަލްގެ ބަދަލުގައި ރޭގެ މެޗުން ފުރުޞަތުދީފައިވަނީ ވިކްޓަ ލިންޑެލޯފް އާއި ސްކޮޓް މެކްޓޮމިނޭގެ އިތުރުން މާކަސް ރަޝްފޯޑް އަދި ޑޮނީ ވެން ޑަ ބީކް އަށެވެ. އަދި އެ ޓީމުގެ ގޯލް ބެލެހެއްޓީ ޑޭވިޑް ޑެ ހެއާގެ ބަދަލުގައި އިނގިރޭސި ކީޕަރު ޑީން ހެންޑަސަން އެވެ.
ލިވަޕޫލުން ރޭގެ މެޗަށް ނިކުތްއިރު ލީގުގައި މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބާންލީ އަތުން 1-0 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރަ އަށް ވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެ ޓީމުގެ ފޯވާޑްލައިންގައި އާއްމުކޮށް ކުޅެމުން އަންނަ ސަޑިއޯ މާނޭ، ރޭގެ މެޗު ފެށީ ބެންޗުންނެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މި މެޗުގެ 18 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ލިވަޕޫލުންނެވެ. ރޮބާޓޯ ފިރްމީނޯ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. އޭގެ 8 މިނެޓުފަހުން، އަވަސް އެޓޭކެއްގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ދިން ރީތި ބޯޅައަކުން ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ރަޝްފޯޑް ވަނީ މި މެޗުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑަށް ލީޑްނަގައިދީފައެވެ. މިއީ ގްރީންވުޑް ދިން ޕާހަކުން ރަޝްފޯޑް ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 58 ވަނަ މިނެޓުގައި ސަލާހުގެ ގޯލުން ލިވަޕޫލް އެއްވަރުކޮށްފައިވަނިކޮށް، ފަހު ހާފުގައި ކުޅެން ނިކުތް ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ވަނީ މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ލިބުނު ހިލޭޖެހުމަކުން ޔުނައިޓެޑް މޮޅުކޮށްދީފައެވެ. މިއީ ޕެނަލްޓީއޭރިޔާބޭރުން ޔުނައިޓެޑްގެ ފޯވާޑް އެޑިންސަން ކަވާނީ އަށް ލިވަޕޫލްގެ މިޑްފީލްޑަރު ފަބީނިއޯ ކުރި ފައުލަކަށް ރެފްރީ ދިން ހިލޭޖެހުމެކެވެ.
މި މުބާރާތުގައި ރޭ ޗެލްސީގެ ދަނޑުގައި ލޫޓަން ޓައުން އަތުން 3-1 އިން މޮޅުވިއިރު، އިނގިރޭސި ފޯވާޑް ޓެމީ އެބްރަހަމް ވަނީ ހެޓްރިކް ހަދާފައެވެ. ލެސްޓާ އިން ރަށުން ބޭރުގައި 3-1 އިން ބްރެންޓްފޯޑް އަތުން މޮޅުވިއިރު، ލަނޑުތައް ޖަހައިދިނީ ޗެންގީޒް އުންޑާ އާއި ޔޫރީ ޓިލަމެންސް އަދި ޖޭމްސް މެޑިސަން އެވެ.
އަމިއްލަ ދަނޑުގައި ބާންލީ އަތުން 3-0 އިން ފުލަމް ބަލިވިއިރު، އެވަޓަން ވަނީ ހަމަ މި ނަތީޖާއިން ޝެފީލްޑް ވެނިސްޑޭ ބަލިކޮށްފައެވެ. އެވަޓަންގެ ލަނޑުތައް ޖަހައިދިނީ ޑޮމިނިކް ކެލްވަޓް-ލެވިން އާއި ރިޗާލިސަންގެ އިތުރުން ޔެރީ މީނާ އެވެ.