English Edition
Dhivehi Edition

އިސްލާމީ ޝަރީއަތާ ޚިލާފުު އެއްވެސް ކަމެއް ހުކުރު ޚުތުބާގައި ނޯންނާނެ ކަމަށާއި، ހުޠުބާ ނެރެނީ ދީނީ ޢިލްމުވެރިން ފާސްކުރައްވައިގެންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމް އިން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވީ، މިއަދުގެ ހުތުބާއަށް ގިނަ ބައެއްގެ ޝައުގުވެރިވެއްޖެކަމާއި އެ ހުތުބާ އަޑުއަހާކަން މިއަދު އެނގިއްޖެ ކަމަށެވެ. އަދި އެކަމާއި ވަރަށް ބޮޑަށް އުފާވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މީގެކުރީގެ ޚުތުބާތަކުގައި މިސްކިތުން ވައްކަންކުރުން ފަދަ ކަންތައްތަކާ ބެހޭގޮތުން އަލިއަޅުވާލައިފައި އޮތް ނަމަވެސް މިއަދު ޚުތުބާ ތަފާތު ކަމަށެވެ. އަދި މިއަދުގެ ޚުތުބާއިން ދިވެހި ރައްޔިތުން ހުކުރު ޚުތުބާއަށް ޝައުގުވެރިވާކަން ހާމަވެގެން ހިނގައްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ޚުތުބާ ފާސްކުރުމުގެ މިންގަޑަކީ އިސްލާމިކް މިނިސްޓްރީގައި ވަޒީފާ އަދާކުރަމުންދާ ފުންނާބު އުސް ފަސް އިލްމުވެރިންގެ މައްޗަށް އެކުލަވައިލައިފައިވާ ކޮމެޓީއަކުން ކޮންމެ ހަފުތާއަކުންވެސް ހުކުރު ޚުތުބާގެ ކަންތައް ފާސްކުރުމުގެ ކަންތައް މިކުރަނީ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އިލްމުވެރިން އެފަދަ ގޯސްކަމެއް ކޮށްފާނެކަމަކަށް،” ޑރ. ޒިޔާދު ވިދާޅުވިއެވެ.

“މީގެ ކުރިން އަޅުގަނޑުމެންނަށް މި އިވެނީ ހުތުބާގައި އާއްމުކޮށް އެއް ވާހަކައެއް. މިސްކިތު ކުޅުޖަހާ ވާހަކައާއި މިސްކުތުން ހަތިމު ވަގަށް ގެންދާ ވާހަކަ. އެހެން ނަމަވެސް މިއަދު ހުތުބާ ތަފާތުވީ. އަސްލު ހުތުބާއި އެއްގޮތްވާގޮތުގެ މަތިން މިއަދު ދޭން ފެށީ”. މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ޒިޔާދު ވިދާޅުވީ މިއަދުގެ ޚުތުބާގައި ދެއްކި ވާހަކަ ތަކަކީ ހަދައިގެން ދެއްކި ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެ ހުރިހާ ވާހަކައަކީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތާއި ހަދީސުން ސާބިތުވާ ހަމަތަކުގެ މަތިން ހިމެނޭ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ހަމައެކަނި އިނގެން ޖެހެނީކީ ހައިޟު ނިފާސް އާއި ދެ އަންބަށް ކައިވެނި ކުރުމެއް ނޫން. މިއީ އަޅުގަނޑުމެންގެ ތެރޭގައި ގިނަ އިލްމުވެރިން ދަންނަ ވާހަކައަކީ.”. ޒިޔާދު ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ހުޠުބާގައި އަލިއަޅުވާލާފައިވަނީ ހާކިމާއަށް ކިޔަމަށް ގަތުމަކީ، ގައުމެއްގެ ރައްޔިތުންނަށް ވާޖިބު ކުރައްވާފައިވާކަމުގެ މައްޗަށެވެ. އެގޮތުން ހާކިމާއަށް އިހާނެތިކޮށް ހިތުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުރައްވާފައިވާ ކަމެއްކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.