ގައުމުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިއްބެވި ދިވެހި ފުލުހުންނާ ސިފައިންގެ ބޭނުމެއް މިއަދު ދިވެހި ޤައުމަށް ނެތްކަމަށާއި ޔުނީފޯމު ބޭލުމަށްފަހު މަސްވެރިކަމަށް ދިޔުމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ގޮވާލައްވައިފިއެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު އާޓިފިޝަލް ބީޗު ސަރަޙައްދުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން ނިޒާރު ވިދާޅުވީ އިދިކޮޅު ރައްޔިތުން ބޭނުންވާފަދަ ބަދަލެއް ޤައުމަށް ގެނެވޭނީ ބޭރުގެ ފަރާތްތަކުގެ ވާގިވެރިކަން ލިބިގެންކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙް ހަލަބޮލި ވުމާގުޅިގެން ކުއްލި ހާލަތު އިއުލާންކޮށްފައިވަނިކޮށް އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވަނީ އެއްވުންތައް ބާއްވައި ޝުއޫރު ފާޅުކޮށްފައެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިއަދު ކުރިއަށްގެންދާ މި މުޒާހަރާ އަކީ އެ ފަރާތްތަކުން ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާ އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ މުޒާހަރާއެއްކަމަށެވެ.
އަދި މި އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަކަށް ނުބެލެވޭ ކަމަށާއި އެއްވާން ފުރުސަތު ނުދީ ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފައި ވާތީ އެކަމާގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައްޔިތުންނަން ލިބިދޭ ގާނޫނީ ހައްގުތައް ބޭނުންކޮށްގެން އެކި ކަންކަމަށް ތާއިދު ކުރުމަށް ނުވަތަ އިންކާރު ކުރުމަށް ގާނޫނާ ހިލާފްނުވެ ހިންގާ ސުލްހަވެރި ހަރަކާތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވުންކަމުގައި ނުބެލެވޭކަމަށެވެ. އަދި ގާނޫނު އަސާސީގައި ގައުމީ ސަލާމަތަށް ނުރައްކާވުން މާނަކޮށްފައިވާ ގޮތުން ކުއްލި ނުރައްކަމުގެ ހާލަތުގައި ވެސް ސުލްހަވެރި ހަރަކާތްތަކަށް ފުރުސަތު ދޭންޖެހޭކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.