English Edition
Dhivehi Edition

އާ ސަރުކާރަށް އެއް އަހަރު ވެގެން އައިއިރު މާބޮޑު ތަފާތެއް ފެންނާކަށް ނެތް ކަމަށާއި ސަރުކާރު އައި ފަހުން އައްޑޫ ސިޓީގައި އަލަށް މާބޮޑު ކަމެއް ފެށިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫސިޓީގެ މޭޔަރ ކަމުގެ މަގާމަށް ވާދަކުރައްވަވާ ނިޒާރު “ސަންގުޓީވީ” ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިއަށް މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް މިވަގުތު ފެންނާކަށް މާބޮޑު ކަމެއް ނެތްކަމަށެވެ. އަދި ކުރިއެކޭ މިހާރެކޭ. މިވަގުތަކު މާބޮޑު ތަފާތެއް ނެތް ކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ އެއް އަހަރުވެގެން ދިޔައިރު އެއްވެސް ކަމެއް ނުވެ ދިޔައީމާ އެއީ ހައްގުވާ މިންވަރު ކަމަކަށް ގަބޫލު ނުކުރައްވަވާ ކަމަށެވެ.

“400 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ހިންގުމަށް ވަނީ ވައުދުވެފައި. އަދި އޭގެ ތެރެއިން ބައެއް މަސައްކަތްތައް ފެށުމުގެ ކޮޅުމަތި ފެންނަން ވެސް ވަނީ ފަށާފައި. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތް ފަހުން އަހަރު ދުވަސް ވީ އިރު ތަރައްގީގެ ކުދިކުދި މަސައްކަތް ފެށިފައި ވިޔަސް އައްޑޫ ސިޓީގައި ތަރައްގީގެ މާ ބޮޑު ކަމެއް އަދި ފެށިފައި ނުވޭ” ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޅަމުން އަންނަ ޕޮލިސް އެކަޑަމީއަކީ އައްޑޫގައި ކޮންމެހެން ހުންނަން ޖެހޭ ތަނެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އައްޑޫގައި އެ އިމާރާތް އަޅަން ނިންމާފައިވަނީ “‘ސިޔާސީ” ގޮތުން ކަމަށެވެ،

ކައުންސިލް އިންތިޚާބަށް ކުރިމަތި ލައްވަވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު ނިޒާރު ގެންދަވަނީ އައްޑޫސިޓީއަށް ދިމާވެފައިވާ ތަފާތު މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ކަމާ ބެހޭ ވުޒާރާތަކާ ބައްދަލު ކުރައްވަވަމުންނެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރަކަށް ހުންނެވި ދުވަސްވަރުވެސް ނިޒާރު ފާހަގަ ކުރެވިފައިވަނީ އައްޑޫސިޓީއަށް ދިމާވާ ތަފާތު މައްސަލަތަކާ ބެހޭގޮތުން ކެރިގެން އަޑުއުފުއްލެވި މެމްބަރެއްގެ ގޮތުގައެވެ.