English Edition
Dhivehi Edition

މި ސަރުކާރާއި ސީދާ ވާހަކަ ދައްކައިގެން ނުކުންނާނެ ނަތީޖާއެއް އޮތް ކަމަށް ދެކިނުލައްވާ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ޕާޓީތަކުގެ މަޝަވަރާތައް އަލުން ފެށުމަށް ދަޢުވަތުދީ، ރައީސް އޮފީހުން ޕާޓީތަކަށް ފޮނުވާފައިވާ ސިޓީތަކަކާއި ގުޅިގެން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާޙިމް މުޙައްމަދު ޞާލިޙު (އިބޫ) ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރާއި ސީދާ ކުރާނެ މަޝްވަރާއެއް ނެތް ކަމަށެވެ.

އިބޫ ވިދާޅުވީ، ސަރުކާރުން ސުޕްރީމް ކޯޓުގެ އަމުރެއް ތަންފީޒު ކުރަން ދެކޮޅު ހަދައި، ޣައިރުޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކޮށް، ސިޔާސީ އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މިފަދަ ޙާލަތެއްގައި ސީދާ ސަރުކާރާއި ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

ޤައުމަށް މިވަގުތު ދިމާވެފައިޥާ ކަންކަމުން އަރައިގަތުމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ދެމެދު މެދުވެރިއެއްގެ ރޯލު އަދާ ކޮށްދިނުމަށް އެދި އދ އަށް ހުށަހަޅާފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.

އދ މެދުވެރިވެގެން ވެސް ސަރުކާރާއި އެކު ވާހަކަ ދައްކާނީ ސަރުކާރުން ޝަރުތުތަކަކަށް ތަބާވުމުން ކަމަށެވެ. އެގޮތުން، ޤާނޫނު އަސާސީގެ އިމުގެ ތެރެއަށް ސަރުކާރު ވަދެ، ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ކޮށްފައިވާ ޙުކުމް މިޙާރުން މިހާރަށް ތަންފީޒުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްގެން ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް އިދިކޮޅު ފަރާތްތައް ވަނީ ޝަރުތު ކޮށްފައެވެ.

ގުޅިފައިވާ ޕާޓީތަކުން ބުނީ ސަރުކާރުން މި ޝަރުތުތައް ޤަބޫލު ކޮށްފިނަމަ، މެދުވެރިއެއްގެ ގޮތުގައި އދ ހަރަކާތްތެރިވާ މަޝްވަރާތަކަކަށް ސަރުކާރާއިއެކު ދާން ތައްޔާރު ކަމަށެވެ.