English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ތާރީޚަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން “މުވައްރިޚުން” ގެ ނަމުގައި ޚާއްޞަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ބަހުގެ އެކެޑަމީން ފަށައިފިއެވެ.

މި ދަފްތަރުގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިހާރު ދިވެހި ބަހުގެ އެކެޑަމީން ވަނީ ހުޅުވާލާފައެވެ. .

“ދަފްތަރުގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ ނަވާރަ ވަނަ ދުވަހުގެ ކުރިން އެފަރާތްތަކުގެ މަޢުލޫމާތު ދިވެހި ބަހުގެ އެކަޑަމީއަށް ހުށަހެޅުމަށް ވަނީ ޢާންމުކޮށް އިޢުލާންކޮށްފައެވެ.

ދިވެހި ބަހުގެ އެކެޑަމީން ބުނީ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ޤައުމީ ތާރީޚުގެ ދުވަހަށް ޚާއްޞަކޮށްގެން ނެރޭ ލުއި ފޮތުގައި ހިމަނާނެ ކަމަށެވެ. އަދި މިފަދަ ދަފްތަރެއް އެކުލަވާލުމުގެ ބޭނުމަކީ އެކި ސިފަ ސިފައިގަ ދިވެހި ތާރީޚަށް މަސައްކަތް ކުރާ ގިނަ ޢަދަދެއްގެ ބޭފުޅުން ތިއްބެވުމާއެކު ރަސްމީ ސިފައެއްގައި އެބޭފުޅުންގެ އަގު ވަޒަންކުރުން ކަމަށެވެ.

ޤައުމީ ތާރީޚުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުންފެށިގެން ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ ހަތާވީސް ވަނަ ދުވަހެވެ.