English Edition
Dhivehi Edition

5 ވަނަ ބާބު:

ގަމުގެ ފަޅުމަތި: ރޮދުފަންއަޅައި ބައްދައިގެން މަސްހިފާތަންތަން

  • ފަންނިގަންފަޅު- މިއީ ގަމުގެ އިރުމަތީ ކޮޅުގެ ފަޅުމައްޗެވެ. މިތަނަށް މަރަދޫކޮޅޭވެސް ކިޔައެވެ. އެއީ ފަޅުގެ ފުޅާކަމާއި ބޮޑުކަމުން އެފަޅު ބޭރުކާރީ ތޮށިމަތީގައި ތިބޭއިރު މަރަދޫ ފެންނާތީއެވެ. ފަންނިގަންފަޅުން ބެދޭ މައިގަނޑު މަހަކީ އެޑުމަސް، ވަންފަތިމަސް، ކޮނދޯ އަދި ފާޑުފާޑުގެ ކުދިމަސްތައް ވަރަށް ގިނައިން ބެދެއެވެ.
  • ދޮނަފަތި ދެޔޮވަރި- އެކިބާވަތުގެ ގިނަ މަސްތައް ތިބުމާއި އެކު އެތާނގެ މައިގަނޑު މަހަކީ ކުރަނޑިމަހާއި ގިނިމަސްތަކެވެ.
  • ހިނަވަލުގޮނޑު- މިތަނަށް މަތިބެދުނު ދެޔޮވަރީ ވެސް ކިޔައެވެ. މިތާނގެ މައިގަނޑުމަހަކީ އުޑިތައްމަހާއި ކަޅުއޮތްތަކެވެ.
  • ކަނިކެޑެ: މިތާގެ މައިގަނޑުމަހަކީ އެޑެމަހާއި ތަތްމަސް އަދި ގިނިމަހާއި ރޮނޑުތަކެވެ.
  • މުރަނގު- މިއީ ގަމުގެ ހުޅަނގުމަތީކޮޅުގެ ފަޅުމައްޗެވެ. ފޭދޫއާއި ދެމެދެވެ. މިތާނގައި ރަށުގެ ދެކޮޅުމަތި ފިޔަވައި ދެން އޮތް ހަތަރުތަނަކީ ގަމުގެ ދެކުނުބިތުގެ ފަޅުމައްޗެވެ. މުރަނގު ބައްދައިގެން ހިފާ މައިގަނޑު މަހަކީ މާރޮނޑާއި ބޮޑެތި ހަންޖެވެ. ފިލޮޅިއާއި ހުޑޫތަކެވެ. މިއިން ކޮންމެ ތަނެއްގައިވެސް މައިގަނޑު މަހޭ މިދަންނަވާފައިވަނީ އަދި އޭގެ އިތުރަށް އެކިބާވަތްބާވަތުގެ ކުދި މަސްތައް ގިނަ އަދަދަކަށް ހުންނާތީއެވެ.

(ރޮދުފަން އަޅައިގެން ބައްދާ ދުވަސްތަކާއި ބައްދާގޮތް)

ބެއްދުން އޮންނަނީ އިރުވާ މޫސުމުގައި މައްސަރުގެ މެދު ފޮއިގެއާއި ފަހު ފޮއިގެ ހަދުވަހުން ކުރެ ކޮންމެވެސް ދުވަހެއްގައެވެ. ބެއްދުމުގައި މެދު ފޮއިގެ 3 ދުވަހަކީ 13، 14 އަދި 15 އެވެ. ފަހު ފޮއިގެ ތިން ދުވަހަކީ 26، 27 އަދި 28 މި ތިން ދުވަހެވެ. ފަންނިގަންފަޅާއި މުރަނގު ބައްދާ ދުވަސްތަކަކީ ގާތްގަނޑަކަށް ރަށުގެ އެންމެންހެން ދާ ދުވަސްތަކެވެ.

ފަންނިގަންފަޅު ބެއްދުން:

ބައްދާދުވަހު ހެނދުނުކޮޅު ރޮދުތައް ހިގައިގެން ފަންނިގަންފަޅާއި ދިމާއަށް ބީވާގެ އަތިރިމަތީ ތިބެގެން ފަންކަނޑާ ފަންތައްޔާރުކޮށް ރޮދުތަކުގައި ފަންވަތް އައްސާ ހަދައިގެން ދިޔަވަރު ބޮޑުވެގެން އައިސް ހަމަޖެހުނީމާ ދެން އެވީ މޫދަށް ފައިބަން ފަށާށެވެ. އެއިރު ހުންނަނީ މެންދުރުވެސް ވެފައެވެ. އެހެންކަމުން އަންހެންވެރިންނާއި ކުދިވެރިން ކާބޯތަކެއްޗާއި ދުފާއެއްޗެއްސާއި ބިޑި، ސުއްޓާ އާއި ހިފައިގެން އަތުވެދާނެއެވެ. އެއިރު ބެއްދުމުގެ ވެރި ކުލައިގެމީހުން އިހަށް މޫދަށް ފައިބަންވީއޭ ކިއާ ހަޅޭފަޅޭވެސް ލަވަން ފަށާނެއެވެ. ދެން ބެއިކަލުންގެ މީހުން ވަރަށް އަވަސް އަވަހަށް ކައިބޮއި ދުފައިހަދައިގެން އެއްކަލަ ފަންވަތް އެއްސި ރޮދުތަކާއި ތައްޔާރުކުރި ފަންތައް ހިފައިގެން މޫދަށް ފައިބައިފާނެއެވެ. މާގިނައިރުތަކެއް ނުވަނީސް ރޮދުތަކާއި ފަންތައް އަޅައި އެއިގެ މައްޗަށް ގާތަށް އަރުވާ ހައްޔަރުކޮށްފައެވެ. ރޮދުތައް ފުއްޓަރުފަރާތުގައެވެ. ފަންތައް ދެކޮޅުމަތީގެ ގޮނޑުދޮށުން ފެށިގެން ރޮދުތަކާއި ޖެހެންދެނެވެ. މޫދަށް ފޭބި ކޮންމެ މީހެއްގެ އަތުގައިވެސް ފަޅުމަތިން މަސްހިފަން އުޅޭމީހުން ގެންގުޅޭވަރުގެ ދަނޑިބުރިއެއް އޮންނާނެއެވެ. ދަނޑިބުރި ހިފަހައްޓައިގެން ރޮދުތަކާއި ފަންތަކުގެ ކާރީން ވިހި ފޫޓް، ފަންސަވީސް ފޫޓްހާ ހިސާބުގައި މީހުންތައް އެތުރިގެން ދިޔަވަރުހިކެންދެން ތިބެން ޖެހެއެވެ. ދަނޑިބުރި އެއީ ދިޔަވަރު ދަމަން ފެށީމާ މަސްތައް ފަންވަޅުން ބޭރުވެ ނުދިއުމަށް ހަތިޔާރެއްގެ ގޮތުގައި ގެންގުޅޭ އެއްޗެކެވެ. ދެން ދިޔަވަރު ހިކޭވަރަކަށް ފަންތަކާއި ރޮދުތައް ދަމާ ފަންވަޅު ކުޑަކުރަމުންގޮސް ހަވީރަށް ދިޔަވަރު ހިކޭއިރު މަސްތައް ހުންނަނީ އެތެރެފަޅުގެ ފުންކޮށް އޮންނަ ވަޅުވަޅަށް އައިސް ޖަމައަވެސް ތަރަތަރަ ޖަހާފައެވެ. ދެންވީ މަސްތައް ހިފަން ފަށައިގަންނާނެވެ. އާދޭހެވެ! އެންމެ ފުރަތަމައިން ވަޅުވަޅުގެ ބޭރުކާރީ ދިގުދާތައް އަޅައިލަނީއެވެ. އެ އަޅާއިރު ލާދައުވެރިން ތިބެނީ ދާތައް ފަރިކޮށް ކޮނޑު އަޅައިގެން ލާދައު ހަރުބީއަށް ހިނގާލަހިނގާލައެވެ. ބޮޑެތިރާޅުމަތިން ހަރުކޮށް ދުވެދާހެން ތިރިތިރިވަމުން އުފުލެމުން މަސްތައް ވަށައިގެން ހިނގަހިނގައެވެ. ދާތައް އުކުމުގެ އިންތިޒާރީގައި ވިންދު އަވަސް ވެލާފައި ހިތްތެޅިތެޅިއެވެ.

އިންތިޒާރުގެ ގަޑިޖެހުމުން ދާތައް އުކަންފަށައިގަނެއެވެ. ފުރަތަމަކޮޅު މަތިމައްޗަށް ދެ ދާ ތިންދާ އުކަންޖެހެއެވެ. ސަބަބަކީ ހަރުދުވެލީގެ ބާރުގަދަ މަސްތައް ގިނަކަމުން އެއްދަލަކަށް އޮބި އޮންނަހާ ނުވަނީއެވެ. ދާތަކުންނާއި އެނޫންވެސް އެކި ގޮތްގޮތަށް މަސްތައް ހިފާ އަވަދިވެގެން ގޮނޑުދޮށަށް އާދެވޭއިރު އޮންނަނީ އިރުއޮއްސޭން ކާރިވެފައެވެ. ދެން މަސްތައް ބަހަން ފަށައިގަންނަނީއެވެ. މަސްބަހައި އަވަދިވެގެން މަހާއިގެން ގެއަށް އާދެވޭއިރު ރޭގަނޑު 8 ގަޑި ބަޔާއި ނުވައެއް ޖަހާފައެވެ.

ކޮންމެ މީހަކަށް ވެސް ކިރިޔާ އުފުލޭހާ މަސްލިބެއެވެ. އެހެންކަމުން ބައްދައިގެން މަސްހިފައިފިއްޔާ އެ މަސް ތަކުގެ ތިޔާގިކަން ރަށުތެރޭ 2 ހަފްތާއަށް ދެމި އޮވެއެވެ. މީގައި ލިޔެފައި މިވަނީ ރޮދުފަން އަޅައިގެން މަސް ހިފާތަންތަނުގެ ވާހަކައެވެ.

ބެއްދުން ފިޔަވައި ދާ އަޅައިގެންނާއި ދާތައް އުކައިގެން މަސް ނުހިފާ ހަމަ އެންމެ ތަންކޮޅެއްވެސް ގަމުގެ ވަށައިގެންވާ ފަޅުމަތީގައި ނޯވެއެވެ. އަދި ކީއްތޯއެވެ. ގަންފަޅަކީ އިންސާނުންގެ ދިރިއުޅުމުގެ މައީޝަތަށް ޓަކައި ބޭނުންކުރާ ތިން ކަމެއްގެ ކުޅަދާނަކަން މާތްﷲ ދެއްވައިފައިވާ ފަޅެކެވެ. އެއީ، ފަރުހިލުމާއި، އެންދެމުން، ދާއަޅައިގެންނާއި ދާ އުކައިގެން މަސްހިފުމާއި މި ތިންކަމެވެ. އެއްފަޅަކުން މި ތިން ބޭނުން ފުދޭ ފަޅުފަޅަކީ ރާއްޖޭގައި ވެސް ވަރަށް މަދު ފަޅުކަމަށް ބުނެއެވެ.

-ނުނިމޭ-

ނޯޓް: މިއީ ސ.ފޭދޫ ޕެންޒީމާގޭ އަލްމަރުޙޫމް އަޙްމަދު ޙަސަން މަނިކުފާނު 1978ގައި އައްޑޫގައި ނެރުނު “މިލާބު” މަޖައްލާއަށް “އައްޑޫގަން” މި ނަމުގައި ލިޔުއްވާފައިވާ އައްޑޫގެ ތާރީޚާ ގުޅޭ މުހިއްމު ވާހަކަތަކެއް ހިމެނޭ ލިޔުމެކެވެ.