އައްޑޫ ސިޓީ ހިތަދޫގެ 3 ގެއެއްގައި އަލިފާން ރޯކޮށްލި ހާދިސާތަކާ ގުޅުންހުރި މީހުން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ހިތަދޫ ދޮންލަފަރުގެ އާއި ވައިޓު ހީރާ އަދި ރަސްރީތި ގޭގައި ރޯކޮށްލި ހާދިސާއާ ވަރަށް ސީރިއަސް ކޮށް ބަލަމުން އަންނަ ކަމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާންވަނީ ވިދާޅުވެފައެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާގައި ދޮންލަފަރުގެއަށްވަނީ ވަރަށްބޮޑެތި ގެއްލުން ވެފައެވެ. އޭގޭގައި އަލިފާން ރޯކޮށްލިއިރު އެގޭގެ ކޮޓަރިއެއްގައި އަންހެނަކު ނިދާއިއޮތެވެ. އޭނާ ސަލާމަތްވީ ބައެއްގެ އެހީގައި އެގޭ ކުޑަދޮރެއް ހަލާކޮށް ބޭރަށް ނުކުމެގެންނެވެ.
މި ތަންތަނުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ރޯކޮށްލުމުގެ ސަބަބުން ހިނގި ހާދިސާތައް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި ގެ ތަކުގައި ރޯކޮށްފައިވަނީ މޫނުނިވާކޮށްގެންތިބި ބަޔަކު ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާ ތަކާއި ގުޅިގެން ޝިފާން ވިދާޅުވީ ގައުމުގެ ސުލްހަ މަސަލަސްކަން ނަގާލައި ހަމަނުޖެހުމަށް މިހާރުވެސް އެކިފަރާތްތަކުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެފަދަ ކަންކަން ހުއްޓުވައި ގައުމު އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް ދިވެހި ފުލުހުން ތިބޭނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންވީމާ ގައުމުގެ ސުލްހަމަސަލަސްކަން ނަގާލައި ގައުމު ހަލަބޮލިކޮށް ހަމަނުޖެހުން އުފެއްދުމަށް އެކިފަރާތްކުން ކުރަމުންދާ މަސައްކަތައް ހުއްޓާލުމަށް އޭނާވަނީ އިލްތިމާސް ކުރައްވައިފައެވެ.