ފިތުރުއީދު ނަމާދަށްފަހު ހިތަދޫ، ބިލަބޮންހައި އިންޓަރނޭޝަނަލް ސްކޫލް ކުދިންގެ މެދުގައި އީދު ހަދިޔާ ބަދަލު ކުރުން އޮންނާނެ ކަމަށް އެސްކޫލުން ހާމަކޮށްފިއެވެ. އެ ސްކޫލުން ވިދާޅުވީ މިއީ އެސްކޫލުގައި މިހާރު ފާހަގަ ކުރަމުންދާ “އިސްލާމިކް ހަފްތާ” ގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. “އެ ހަދިޔާ މިހާރުވަނީ ސްކޫލަށް ގެނެސްފައި. އީދު ދުވަހު ހެނދުނު ހަދިޔާ ބަދަލުކުރުން އޮންނީ އީދުނަމާދަށްފަހު ސްކޫލުގައި. މިސާލަކަށް ކުލާހެއްގައި ފަންސަވީސްކުދިން ތިބޭކަމަށްވާނަމަ އެއްކުއްޖަކު އަނެއްކުއްހަކަށް ކުދިކުދި ހަދިޔާ ބަދަލުކުރުން އޮންނާނީ،” އެ ސްކޫލުގެ ލިޑިން ޓީޗަރަކު ވިދާޅުވިއެވެ. އެސްކޫލުން އިސްލާމިކް ހަފްތާ ފާހަގަކުރަން ފަށައިފައިވަނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ. މިހާތަނަށްވަނީ ގުރުއާން މުބާރާތަކާއި، މަދަހަ މުބާރާތެއް ބާއްވައިފައެވެ. އަދި ސާޅީސް ނަމާދުކުރުމާއި، 20 ދުއާ ދަސްކޮށްދިނުމާއި، ޤުރުއާން ކިޔަވާ އަޑުއަހައިގެން ލިޔަން ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާތަކެތި ދަސްކޮށްދިނުމާއި، ސަދަގާތް ދިނުމުގެ ހަރަކާތެއްވެސްވަނީ ބާއްވައިފިއެވެ. ސަދަގާތް ދީފައިވަނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫގައި ތިބި ފަގީރުން ހޯދައިގެން އެމީހުންނަށެވެ. “މިސްކޫލުގައި އުޅެނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ މިހަތަރު ރަށަށް ނިސްބަތްވާކުދިން. އެ ކުދިން ސްކޫލަށް އެއްޗެހި ގެނައުމުން ސްކޫލުގައި އެ ބަންދުކުރުމަށްފަހު ކުދިން ގޮވައިގެން ޓީޗަރުން އެ ހަތަރު ރަށަށްގޮސް ފަގީރުން ހޯދައިގެން ކުދިން ލައްވައި ސަދަގާތްދީފައިވަނީ،” ލީޑިން ޓީޗަރު ވިދާޅުވިއެވެ. މީގެ އިތުރަށް ރޯދަ ވީއްލުމަކާއި އެހެނިހެން ބައެއް ހަރަކާތްތައްވެސް އިސްލާމިކް ހަފްތާގައި ވަނީ ބާއްވައިފައެވެ. ދެން އޮންނާނީ އީދު ދުވަހު އޮންނަ ހަދިޔާ ބަދަލު ކުރުމުގެ ހަރަކާތާއި، ދީނީ ކުއިޒް މުބާރާތެކެވެ. އިސްލާމިކް ހަފްތާގައި ނުނިމިހުރި ހަރަކާތްތައް ކުރިއަށް ގެންދާނީ އީދު ބަންދަށްފަހު ހުޅުވުމުން ކަމަށް އެސްކޫލުން މައުލޫމާތު ދެއްވިއެވެ. އިސްލާމިކް ހަފްތާގެ ބޭނުމަކީ ކުދިންގެ ހިތުގައި އިސްލާމްދީނަށް ލޯބިޖައްސައި، ދީނީރޫހު އެކުދިންގެ ހިތްތަކުގައި އަށަގެންނެވުމެވެ. އެ ސްކޫލުގެ ނާސަރީ، އެލްކޭޖީ، ޔޫކޭޖީ (ކެންގަރޫ ކިޑްސް) ގެ ކުދިންނަށް އިސްލާމިކް ހަފްތާވަނީ ނިމިފައެވެ.