ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު އަލުން ފަށައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި މަޝްރޫއުގެ މަސައްކަތް 2017 ވަނަ އަހަރު ފެށި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަޝްރޫއު ހުއްޓިފައި އޮންނަތާ މިހާރު ނުވަ އަހަރު ވެއްޖެއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކުރި ގޮތުގައި، މަޝްރޫއު އަލުން ފަށާފައިވަނީ ޒަމާނީ ފެންވަރުގެ ބައިނަލްއަގުވާމީ ރިސޯޓް ހޮޓަލަކާ އެކު ތަރައްގީކުރާ ފުރިހަމަ އަދި ފުޅާ މާސްޓާ ޕްލޭނެއްގެ ދަށުންނެވެ. މި މަޝްރޫއުގެ ޑިވެލޮޕަރަކީ ސޮލެންޒަރާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑެވެ. އަދި މަޝްރޫއުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް އެޗްޑީސީން ލަފާކުރެއެވެ. ޖުމުލަ 41,549.7 އަކަމީޓަރުގެ ސަރަހައްދެއްގައި، ދެ ބަޔަކަށް ބަހާލައިގެން ތަރައްގީކުރާ މި މަޝްރޫއަކީ ދިވެހި އާއިލާތަކަށާއި ފަތުރުވެރިންނަށް ހުޅުމާލޭގެ އައްސޭރިފަށުން ތަފާތު އަދި ހިތްގައިމު ތަޖުރިބާއެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުނެއެވެ.
މޫދާ ގުޅިފައިވާ ގޮތަށް ހުޅުމާލޭ އަތިރިމަތީގައި ތަރައްގީކުރާ މި ވޯޓާ ތީމް ޕާކުގައި މައިގަނޑު 11 ވޯޓާ އެޓްރެކްޝަން އާއި ޚިދުމަތްދޭ 30 ވަސީލަތް ހިމެނެއެވެ. އޭގެ ތެރޭގައި:
މާސްޓާ ޕްލޭންގެ ދަށުން 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފަސް ފަންގިފިލާގެ އޮފީހަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން އިމާރާތަކާއި، ރެސްޓޯރެންޓަކާއި، ފޮޓޯ ނަގާ ޚާއްސަ ތަންތަނާއި، މަލްޓިމީޑިއާ ޒޯން އަދި ޕާކިން ޖާގަތައް ހިމެނެއެވެ.
ވޯޓާ ތީމް ޕާކާ ގުޅިގެން ތަރައްގީކުރާ ވޯކޯ ރިސޯޓް ހޮޓަލުގައި ޖުމުލަ 250 ކޮޓަރިއާއި ސުއިޓް ހިމެނެއެވެ. އަދި:
މި އިމާރާތްތަކުގެ ބޭސްމަންޓްގައި 61 ކާރާއި 230 ސައިކަލު ޕާކުކުރެވޭނެ ޒަމާނީ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ މި މަޝްރޫއު އަލުން ފެށުމަކީ ހުޅުމާލޭގައި އެކި ސަބަބުތަކާ ހުރެ ދިގުލައިގެން ގޮސް، ހުއްޓިފައި ހުރި ބޮޑެތި މަޝްރޫއުތަކަށް ހައްލު ހޯދައިދީ، އޭގެ ފުރިހަމަ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.