English Edition
Dhivehi Edition
ހުޅުމާލެ

ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތޫނު ހަތިޔާރުތަކެއް ހޯދައި، މައްސަލައާ ގުޅުންހުރި ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ ނޮވެމްބަރު 25 ވަނަ ދުވަހުގެ ރޭ 22:50 އެހައިކަންހާއިރު އެ ސަރަޙައްދަށް ފުލުހުން ގޮސް ހަރަކާތްތެރިވެފައިވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެގޮތުން އެ ސަރަޙައްދުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، އެ މީހާގެ ހަށިގަނޑު ބަލައިފާސްކުރުމުގެ ތެރޭގައި އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވާއިރު، އެ ސަރަޙައްދު އިތުރަށް ބަލައި ޕްރޮސެސްކުރުމުގެ ތެރޭގައި އިތުރު ދެ ބަޔޮނެޓް ވަނީ ފެނިފައެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ވެސް ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަޙައްދަކުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.