ކ. ހުރާގައި ގަވައިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދިޔަ 43 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި މީހުން އަތުލައިގަނެފައިވަނީ އިއްޔެ ހެނދުނު 06:00 އިން ހަވީރު 17:00 އަށް ހުރާގައި ހިންގި ހާއްސަ ރެއިޑު އޮޕަރޭޝަނެއްގައެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 341 ބިދޭސީން ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ގަވައިދާ ހިލާފަށް އުޅެމުންދިޔަ 43 މީހަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ދަނީ “އޮޕަރޭޝަން ކުރަނގި”ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހާއްސަ ހަރަކާތެއް ހިންގަމުންނެވެ. މިކަމާ ގުޅޭގޮތުން މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ބަޔޮމެޓްރިކް ޑޭޓާ މިހާރު އެއްކުރެވިފައިވާ ކަމަށާއި، މިއީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ އެއް އިންސައްތަ ގައުމުން ހާސިލްކޮށްފައިވާ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް “އޮޕަރޭޝަން ކުރަނގި” އެއްކޮށް ނިންމައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވަނީ ނިމުނު ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ވިދާޅުވެފައެވެ.