English Edition
Dhivehi Edition

އެމެރިކާގެ ކޮންގްރެސްއިން މިއަދު ފާސްކުރި އެގައުމުގެ ބަޖެޓް ބިލުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއި ކުރައްވައިފިއެވެ. ބިލުގައި ސޮއިކުރެއްވިކަން ޓްރަމްޕް ވަނީ އެމަނިކުފާނުގެ ޓްވިޓާ އެކައުންޓް ގައި ހިއްސާ ކުރައްވައިފައެވެ.

ބުރާސްފަތި ދުވަހުގެރޭ 12 ޖެހުމާ ހަމައަށް ބިލް ފާސް ނުކުރެވި އޮތުމުގެ ސަބަބުން އެމެރިކާގެ ސަރުކާރު ގަޑިއިރު ތަކަކަށް ހުއްޓުމަކަށް އަންނަން ޖެހުނު ނަމަވެސް މިއަދު އެ ބިލް ފާސް ކުރުމުގެ ސަބަބުން އަނެއްކާވެސް ސަރުކާރުވަނީ އާންމު ހާލަތަށް އައިސްފައެވެ.

ބަޖެޓް ފާސްކުރަންޖެހޭ ސުންގަޑި ފަހަނަޅައި ދިޔައީ އިމިގްރެންޓްސް އަށް ހިމާޔަތް ދިނުމުގައި ބަޖެޓުގައި ގޮތްތަކެއް ކަނޑައެޅުމުގައި ޑިމޮކްރެޓިކުން ޑިމާންޑްކުރި ކަންކަމަށް އަލި މަގެއް ނުފެނުމުގެ ސަބަބުންނެވެ. ނަމަވެސް “ކޯޅުން” ތަކަށްފަހު އެންމެފަހުން ބަޖެޓް ފާސް ކޮށްފައިވަނީ ހައުސްގެ 240-186 ވޯޓު ލިބިގެންނެވެ.

ބިލް ފާސް ކުރުމާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައިވަނީ ބިލް ފާސް ނުކުރެވި ގިނަ ވަގުތު ބޭކާރު ވެގެންދިޔަ ކަމަށެވެ. އަދި އެ ބިލްގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާއަށް އިތުރު ބާރުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ކޮންގްރެސް ގައި ގިނަ ރިޕްބްލިކަންސް ނެތުމުގެ ސަބަބުން ބިލް ފާސް ކުރުމަށްޓަކައި ދަތި ތަކެއް ކުރިމަތިލާން ޖެހުނު ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަށްއޮތް އިންތިޚާބުގައި ގިނަ މެމްބަރުން ރިޕަބްލިކަންސްގެ ގޮތުގައި ހޮވަން ޖެހޭކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ އަސްކަރީއްޔާއަށް ހޭދަކުރަން ބަޖެޓް ބިލްގައި 300 ބިލިއަން އެމެރިކާ ޑޮލަރު އިތުރުކޮށްފައިވެއެވެ.

ޓެގު