މިނިވަން މާހައުލެއް ނެތް ކަމަށް ބުނެ ރާއްޖެޓީވީގެ ބްރޯޑްކާސްޓިން ވަގުތީ ގޮތުން ހުއްޓާލީ، އެ ފަރާތަށް ހެދުނު ގޯސް އަމިއްލައަށް ގަބޫލުކުރެވޭތީ ކަމަށް ޕީޕީއެމުން ބުނެފިއެވެ
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އަމިއްލައަށް އެ ޗެނަލް ބަންދުކުރުމަކީ އަމިއްލައަށް ވާ އިއުތިރާފެއް ކަމަށެވެ.
އަދުރޭ ވިދާޅުވީ ސަރުކާރުން ރާއްޖެޓީވީގެ ޚިދުމަތް ދިނުން ހުއްޓާލުމަށް ބޭނުންނުވާ ކަމަށާއި އެހެން ނަމަވެސް އެ ސްޓޭޝަނުން ޚިދުމަތް ދިނުން އަމިއްލައަށް ހުއްޓާލީ ސަރުކާރުން ކުރިކަމެއް ކަމަށް ދައްކާ ސަރުކާރު ބަދުނާމުކުރުމުގެ މަޤްޞަދުގައި ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ..
ޢަބްދުއްރަޙީމް ވިދާޅުވީ، މިސަރުކާރަކީ އެއްވެސް ހާލެއްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާނެ ސަރުކާރެއް ނޫން ކަމަށެވެ
“ރާއްޖެޓީވީ އަމިއްލައަށް ބަންދުކުރީމާ އޭގެން އަމިއްލަ އިއުތިރާފެއް އެ ވެވުނީ ތިމަންނަމެނަށް ގޯހެއް ހެދިއްޖެކަން. އެހެން ނޫންނަމަ ނުޖެހޭނެ ނޫންތޯ ބަންދުކުރާކަށް. އަމިއްލައަށް ތިމާމެނަށް ގޯހެއް ހެދިއްޖެކަމަށް ގަބޫލުކުރެވިގެން މިރޭ އެ މީހުންގެ އަމިއްލައަށް އެމީހުންގެ ޗެނަލްގެ ހިދުމަތް އެ މެދުކަނޑާލީ،” ރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަޙީމް ވިދާޅުވީ، މިއަދު އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގެ އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ..
ރާއްޖެ ޓީވީގެ އާންމު ކޮންޓެންޓް ބްރޯޑްކާސްޓްކުރުން މެދުކަނޑާލާފައި މިވަނީ، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މަޢުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާއިމެދު އިތުރު އިންޒާރެއް ދިނުމެއްނެތި ފިޔަވަޅު އަޅަމުންގެންދާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ރޭ އަންގާފައި ވަނިކޮށެވެ..