English Edition
Dhivehi Edition
ސަރުކާރުގެ ގިނަ އިދާރާތައް ޤާއިމްކޮށްފައިވާ ވެލާނާގެ ބިލްޑިންގ - ފޮޓޯ: ފްލިކްއާރް (އިބްރާހިމް އައްސަދު)

 

ދައުލަތުގެ ރަސްމީ ރިޓަޔާމަންޓް ޕެންޝަން ސްކީމުގެ ބޭރުން ބައެއް މުއައްސަސާތަކުން ވަކިވަކިން ހިންގަމުންދާ ޕެންޝަން ސްކީމުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ނުއުފުލޭވަރުގެ ބޮޑު ބުރައެއް އުފެދެމުންދާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ. އޮޑިޓް އޮފީހުން މިކަން ފާހަގަކުރީ ކުރިއަށް އޮތް އަހަރުތަކުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

އޮޑިޓް އޮފީހުން ފާހަގަކުރި ގޮތުގައި، ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ރައްކާތެރިކުރުމަށާއި، ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ޕެންޝަން ހަރަދުތައް ކޮންޓްރޯލްކުރުމަށްޓަކައި ޕެންޝަން ނިޒާމަށް އަވަސް އިސްލާހުތަކެއް ގެންނަންޖެހެއެވެ. އަދި ޕެންޝަން ސްކީމުތަކަށް ކުރަންޖެހޭ ބޮޑު ހޭދައަކީ މިހާރު ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން އޮޑިޓް އޮފީހުން ބުނީ، “ދައުލަތުގެ މި ޕެންޝަން ގާނޫނުގެ އިތުރުން ޕެރެލަލް ޕެންޝަން ސްކީމްތަކެއް ނޫނީ ޑަބަލް ޕެންޝަން ސްކީމްތަކެއް ދައުލަތުގެ އިދާރާތެރޭގައި ހިނގަމުންދިޔުމުގެ ސަބަބުން އަހަރުން އަހަރަށް ޕެންޝަނުގެ ގޮތުގައި ދައުލަތުން ދޭންޖެހޭ ފައިސާ ބޮޑުއަދަދުން އިތުރުވެގެންދޭ.” މިހެންނެވެ.

ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ޕެންޝަނަށް 2.61 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި ނިޒާމު އިސްލާހު ނުކޮށްފިނަމަ 2042 ގައި އެ ހަރަދު 4 ބިލިއަނަށް އަދި 2055 އާ ހަމައަށްދާއިރު 7.9 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ޕެންޝަން އޮފީހުގެ ހިސާބުތަކުން ދައްކައެވެ. މީގެއިތުރުން، ދައުލަތުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް މުވައްޒަފުންގެ އަދަދު ކޮންޓްރޯލްކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށްވެސް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

މި މައްސަލައިގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، މިނިސްޓްރީއާއި ނޭޝަނަލް ޕޭ ކޮމިޝަން ގުޅިގެން ހާއްސަ އޮޑިޓެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ އޮޑިޓަށް ފަހު އެންމެ ބޮޑަށް މުވައްޒަފުން ބޭނުންވާ ތަންތަނަށް މީހުން އަލުން ބަދަލުކުރެވިގެންދާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މީހުން ނަގާނީ ހަމައެކަނި ކޮންމެހެން ބޭނުންތެރި މަގާމުތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓެގު