ޕެންޝަން ފައިސާ ބޭނުންކުރުމުގެ ގަވާއިދު ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއްޖެއެވެ. އެގޮތުން ޕެންޝަން އޮފީހުން ވިދާޅުވީ ޕެންޝަން ފައިސާ އިން މި އަހަރު ހައްޖަށް ދެވޭނެކަން އެނގޭނީ އެކަމާ ގުޅޭ ގަވާއިދު އެކުލަވާލައި ނިމުމުން ކަމަށެވެ.
ޕެންޝަން އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ހައްޖަށް ދިއުމަށް ޕެންޝަން ފައިސާ ބޭނުންކުރުމުގެ ގަވާއިދު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މުއްދަތު ހަމަވުމުގެ ކުރިން ގަވާއިދު ގެޒެޓުކުރަން ފޮނުވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މިިދިޔަ މާޗު 10 ވަނަ ދުވަހު ތަސްދީގު ކޮށްދެއްވާފަ އެވެ. އެ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގަވާއިދު ހަދައި ޕެންޝަން އޮފީހުން ގެޒެޓުކުރަންޖެހޭނެ އެވެ.
ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ.