ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މައިގަނޑު ބޭނުމަކީ ހަމައެކަނި ބަލިތަކުން ދުރުވެހުރުން ނޫން ކަމަށާއި، އެއީ މާތް ﷲ އަށް އަޅުކަންކުރުމަށާއި ހެޔޮ އަމަލުތައް ކުރުމަށް ލިބިފައިވާ އަގުހުރި ފުރުސަތެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ “ސިއްހަތަށް ފަރުވާތެރިވުން” މި މައުޟޫއުގެ މައްޗަށެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި، ދުޅަހެޔޮ ސިއްހަތެއް ދެއްވާފައިވަނީ މާތް ﷲ އަށް ކުއްތަންވުމަށާއި، ނަމާދު ގާއިމުކުރުމަށާއި، ހަލާލު ރިޒުގު ހޯދުމުގެ އިތުރުން މައިންބަފައިންނަށް އޯގާތެރިވެ ހެޔޮ އަމަލުތައް ކުރުމަށް މަގުފަހިކޮށްދިނުމަށެވެ. އަދި ހަށިގަނޑަށް ބާރު ލިބިގަތުމަށްޓަކައި ހަލާލު ރަނގަޅު ކާބޯތަކެތި ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމުގައި ބަޔާންކުރިއެވެ.
އިންސާނާގެ ނަފުސަކީ މާތް ﷲ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލައިނުލުމަށާއި، ގަސްދުގައި ހަށިގަނޑަށް ގެއްލުންދީ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އަދި މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނެ އެއްޗެއް ނޫން ކަމަށާއި، އުމުރުން ދުވަސްވެ ބާރުދެރަވާނޭ ދުވަހެއް އަންނާނެކަން ހަނދާންކޮށް، ސިއްހަތު ރައްކާތެރިކުރުމަށް އިސްކަންދިނުމަށް ނަސޭހަތްތެރިވިއެވެ.
އެއްވެސް އިހުތިޔާރަކާ ނުލައި ހަށިގަނޑުގެ އެތައް މަސައްކަތްތަކެއް ހުއްޓުމެއް ނެތި ހިނގަމުންދާ އިރު، އެ ކަމުގެ އަގު ވަޒަންކުރެވެނީ އެއިން ކަމަކަށް ބުރޫއަރައި ނުވަތަ އުނިކަމެއް އައުމުން ކަމަށް ހުތުބާގައި ބުންޏެވެ. އެހެންކަމުން މާތް ﷲ ދެއްވި މި ބޮޑު ނިއުމަތަށް އަބަދުމެ ޝުކުރުވެރިވެ، އެކަލާނގެއަށް ކިޔަމަންތެރިވުމުގައި ދެމިތިބުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
ކީރިތި ރަސޫލާ ﷺ ގެ ހަދީސްފުޅަކާ ހަވާލާދީ ހުތުބާ ނިންމާލަމުން ބުނީ، ގިނަ ބަޔަކު ޣާފިލުވެފައިވާ ދެ ނިއުމަތަކީ “ސިއްހަތާއި ހުސްވަގުތު” ކަމަށެވެ. އަދި ގިޔާމަތް ދުވަހުން މި ނިއުމަތްތަކާ މެދު ސުވާލުވެވޭނެކަން ދަނެ، ލިބިފައިވާ ފުރިހަމަ ސިއްހަތާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރާއްޖޭގެ އެންމެހައި މުސްލިމުންނަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.