އިންސާނާގެ ބޭރުފުށް ރީތިކޮށް ދެއްކުމަށް ވުރެ ބޮޑަށް، އަމިއްލަ އެތެރެފުށް އިސްލާހުކޮށް ހިތުގެ ހާލަތު ރަނގަޅުކުރުމަކީ ދުނިޔެ އާއި އާހިރަތުގެ ހަގީގީ ކާމިޔާބީ ހާސިލުކުރެވޭނެ ގޮތް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި މި ހުތުބާގައި އަލިއަޅުވާލާފައި ވަނީ މާއްދިއްޔަތަށް ބަރޯސާނުވެ، އީމާންކަމާއި ސައްހަ އަގީދާ ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ހުތުބާގައި ބުނީ، ދުނިޔޭގެ ބާއްޖަވެރިކަމާއި ފާގަތިކަން ހޯދުމުގެ ނަމުގައި މާއްދިއްޔަތަށް ހެއްލި، އާހިރަތުގެ ދިންނެވުން ނަގާލުމަކީ ބޮޑުވެގެންވާ ގެއްލުމެއް ކަމަށެވެ. އަދި އިންސާނާގެ ކާމިޔާބީގެ އަސްލު ގުޅިފައި ވަނީ ބޭރުފުށުގެ ސިފަތަކާ ނޫން ކަމަށާއި، އެންމެ ފުރަތަމަ ފަށަންޖެހޭ ކަމަކީ އަމިއްލަ ނަފުސުގެ އެތެރެފުށް ސާފުކޮށް، މާތް الله އާ އޮންނަ ގުޅުން ހަރުދަނާކުރުން ކަމަށް ބަޔާންކުރި އެވެ.
މީގެ އިތުރުން ހުތުބާގައި ފާހަގަކުރި ގޮތުގައި، އެ މީހެއްގެ އެތެރެފުށް އިސްލާހުކޮށްފި މީހެއްގެ ބޭރުފުށް الله އިސްލާހުކޮށްދެއްވާނެ އެވެ. އަދި އާހިރަތުގެ ކަންކަމަށް އިސްކަންދޭ މީހަކަށް އެ މީހެއްގެ ދުނިޔަވީ ކަންތައްތައް ވެސް الله ފުއްދަވައިދެއްވާނެ ކަން ސަލަފުންގެ އިރުޝާދުތަކުން ހާމަވާ ކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ.
ހުތުބާގައި އިތުރަށް ބުނީ، ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފާއިރު ފޯނުގެ ބެޓެރި ހުސްވެދާނެތީ ކަންބޮޑުވާ މިންވަރަށް ވުރެ ބޮޑަށް، މާތް الله ދެއްވި އެންމެ އަގުބޮޑު ނިއުމަތް ކަމުގައިވާ ސައްހަ އަގީދާ ގެއްލިދާނެ ކަމަށް ބިރުވެތިވާންޖެހޭ ކަމަށެވެ. އިސްލާމީ އުސޫލުތައް އެއްބައި އަނެއް ބަޔާ ގުޅިފައިވާއިރު، ދީނާ ދުރު ފިކުރުތަކުން މުޖުތަމައު ސަލާމަތްކޮށް، ސައްހަ އަގީދާ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ބޮޑު އަމާނާތެކެވެ.
ހުތުބާ ނިންމާލަމުން ގޮވާލީ، މުދަލާއި ދަރިންގެ މަންފާއެއް ނުކުރާނެ ގިޔާމަތް ދުވަހުގެ ކާމިޔާބީއަށް އެދިގެން، ސަލާމަތްވެގެންވާ ސާފު ހިތަކާ އެކު الله ގެ ހަޟުރަތަށް ދިއުމަށް ތައްޔާރުވުމަށެވެ. އަދި ދުންޔަވީ ދަޅަތަކަށް ހެއްލުމުގެ ބަދަލުގައި، ސާބިތު އީމާންކަމެއްގެ މަތީގައި ދެމިތިބުމަށް ހުރިހާ މުސްލިމުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.