ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ދުނިޔެއަށް އަންނަ އެންމެ މާތް އަދި އެންމެ ހެޔޮ ދުވަސްތައް ކަމަށްވުމުން، އެ ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
“ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް” މި މައުޟޫއަށް ދިން ހުތުބާގައި ބުނީ، މި ދުވަސްތަކުގައި ނަމާދާއި، ރޯދައާއި، ސަދަގާތާއި އަދި ހައްޖުގެ މަތިވެރި އަޅުކަން ފަދަ އެންމެ މަތިވެރި ހެޔޮ އަމަލުތައް ޖަމާވާ ކަމަށެވެ. އެހެންކަމުން މިއީ ދަރުމަޔާއި ސަވާބު ހޯދުމަށް ލިބޭ ރަންގަނޑެއް ފަދަ ފުރުސަތެއްކަން ފާހަގަކޮށް، ހެޔޮ އަމަލުތައް ކުރުމަށް އަވަސްވުމަށް ހުތުބާގައި ބާރުއަޅާފައިވެއެވެ.
ހުތުބާގައި ބުނި ގޮތުގައި މާތް ﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ ހުރުމަތްތެރިވެގެންވާ މައްސަރުތަކެވެ. އެއީ ރަޖަބު މަހާއި، ޛުލްގައީދާ މަހާއި، ޛުލްހިއްޖާ މަހާއި އަދި މުހައްރަމު މަސް ކަމަށްވާއިރު، އޭގެ ތެރެއިން ވެސް އެންމެ މަތިވެރި މައްސަރަކީ ހައްޖު މަހެވެ. ބަރަކާތްތެރި ރޯދަ މަހުގެ ހަނދާންތައް ފިލައިނުދަނީސް އަހަރެމެންނާ މި ކުރިމަތިވަނީ ހެޔޮ އަމަލުކުރުމަށް މާތް ﷲ އެންމެ ލޯބިވެވޮޑިގަންނަވާ ދުވަސްތައް ކަމަށާއި، މިއީ އެކަލާނގެ އޯގާވަންތަކަމާއި ރަހުމަތްވަންތަކަމުގެ ބޮޑުކަން ހާމަވާ ކަމެއް ކަމަށް ވެސް ހުތުބާގައި ފާހަގަކުރިއެވެ.
މި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި އިޚުލާޞްތެރި ތައުބާއަކުން ތައުބާވެ މި ދުވަސްތައް ފެށުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ހައްޖު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޔާމުއްތަޝްރީގުގެ ފަހު ދުވަހުގެ އިރުއޮއްސުމާ ހަމައަށް ދިރިއުޅޭ ގެތަކުގައްޔާއި، މަގުތަކުގައްޔާއި، ބާޒާރުމަތީގައި އަޑުހަރުކޮށް ތަކުބީރުކިޔައި އުޅުމުގެ ސުންނަތް ދިރުވުމަށާއި، ގިނަގިނައިން ސަދަގާތްކުރުމަށް ހުތުބާގައި ބުންޏެވެ.
މީގެ އިތުރުން، ހުކުރު ހުތުބާގައި ބުނީ ހެޔޮކަމުގެ މި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި އަދި ފިތުނައުފެއްދުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވާންޖެހޭނެ ކަމަށެވެ. ފާފަތަކަށް އަރައިގަތުމަކީ މާތް ﷲގެ ރަހުމަތުން މީހާ ދުރުކޮށް، ނިއުމަތްތަކުން މަހުރޫމުކުރައްވާނެ ސަބަބެއްކަން ހަނދާންކޮށްދެމުން، މާތް ﷲ ލޯބިވެވޮޑިގެންނުވާ އެއްވެސް އަމަލަކަށް އަރައިނުގަނެ، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުތުބާގައި ވަނީ ބާރުއަޅާފައެވެ.