ލިޔުނީ މުޙައްމަދު ހިޒްޔަމް/ ސ.އަތޮޅު މަދުރަސާ
ސީނު އަތޮޅު މަދަރުސާގެ (އެސް. އޭ. އެމް) އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގެ 2ވަނަ ދުވަހުގެ މެޗްތައް މިއަދު ކުރިއަށް ގެންގޮސްފި އެވެ.
ދުޅަހެޔޮ ސިއްހަތެއްގައި އަންހެން ދަރިވަރުން ބެހެއްޓުމަށާއި ކޯ-ކަރިކިޔުލާރ އެކްޓިވީތަކުގައި އަންހެން ކުދިންނަށް ފުރުޞަތު ދިނުމަށްޓަކައި ކުރިއަށްގެންދާ މި މުބާރާތުގެ ދެވަނަ ދުވަހުގެ ފުރަތަމަ މެޗުގައި ކުޅުނީ ސިކަންދަރީ ހައުސްއާއި ގާޒީ ހައުސްއެވެ. ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ނިމިގެން ދިޔައީ ގާޒީ ހައުސް އެންމެ ޕޮއިންޓެއްގެ ފަރަގުން މެޗު ނާކާމިޔާބު ވެގެންނެވެ. މެޗްގެ އެންމެ ފަހު ސްކޯރަކީ ސިކަންދަރީ ހައުސް 8 ޕޮއިންޓް އަދި ގާޒީ ހައުސް 7 ޕޮއިންޓެވެ. މި ފޯރީ ގަދަ މެޗުގެ ކުއީން އޮފް ދަ މެޗަކީ ޓީމުގެ ޑަބްލިޔު އޭ – މައިޝާ އެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ ޝަމްސުއްދީން ހައުސްއާއި ހުރަވީ ހައުސްއެވެ. ޝަމްސުއްދީން ހައުސްގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ސްކޯރަކީ ހުރަވީ ހައުސް 5 އަދި ޝަމްސުއްދީން ހައުސް 13 އެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވާފައިވަނީ ޓީމުގެ ސެންޓަރ – މައިސާ އެވެ.
މެޗާ ބެހޭ ގޮތުން ވާހަކަދައްކަމުން ސްކޫލުން ވަނީ ސަޕޯޓަރުންނަށާއި ކުޅުންތެރިން ދައްކާ ހިތްވަރަށް ޝުކުރު ދަންނަވާފައެވެ. އަދި ދަރިވަރުންގެ ފަރާތުން ތަރުހީބު ލިބޭ މިންވަރުވެސް ވަނީ ފާހަގަކުރައްވާފައެވެ.
އެސް.އޭ.އެމް ނެޓްބޯޅަ ޓޯނަމެންޓް އިންތިޒާމުކުރަނީ އެ ސްކޫލުގެ ސްޕޯޓްސް ކްލަބުންނެވެ.
މި މުބާރާތުގައި މާދަމާ ހަވީރުވެސް މެޗުތަކެއް ކުޅޭނެއެވެ. މި މެޗުތަކަށް ސަޕޯޓަރުންގެ ތަރުހީބު ދެއްވުމަކީ ޓީމްތަކުން އެދޭ ކަމެކެވެ.
ސީނު އަތޮޅު މަދަރުސާއަކީ ދަރިވަރުންގެ ދުޅަހެޔޮ ސިއްހަތަށްޓަކައި ގިނަ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާ ސްކޫލެކެވެ.