English Edition
Dhivehi Edition

ނަފްސަށް އަނިޔާވެރިވުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ކަންކަމަށް އަރައިގަނެ، ފާފަވެރި އަމަލުތައް ކުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ކޮންމެ ވަގުތެއްގައިވެސް އަދި ކޮންމެ ޒަމާނެއްގައިވެސް ފާފަތަކަށް އަރައިގަތުމަކީ މާތް ﷲ ގެ ކޯފާ ހައްގުވާނެ ކަމެކެވެ. ވަކިން ހާއްސަކޮށް، ޙައްޖު މަސް ފަދަ ހުރުމަތްތެރިވެގެންވާ މައްސަރެއްގައި އެފަދަ އަމަލެއް ކުރުމަކީ ނުބައިކަން ބޮޑުވެގެންވާ ކަމެއް ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.

ނަފްސަށް އަނިޔާވެރިވުމަކީ ﷲ އަށް އުރެދުމާއެކު، އެކަލާނގެ މަތިވެރިކުރައްވައި ހުރުމަތްތެރިކުރައްވާފައިވާ ކަންކަމުގެ ހުރުމަތް ކަނޑައި، އެކަންކަމަށް އިހާނާތްތެރިކޮށް ހިތުން ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ހުރުމަތްތެރިވެގެންވާ މައްކާގެ ޙަރަމްފުޅުގައި އަނިޔާވެރިކަމާއެކު ދީނާ ޚިލާފު ގޮތްތައް އުފައްދަން އުޅޭ މީހުންނަށް ވޭންދެނިވި އަޒާބު ހުރިކަން ބަޔާންކުރައްވައި މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅުތަކަށް ޚުޠުބާގައި އަލިއަޅުވާލިއެވެ.

އެހެންކަމުން، ބަރަކާތްތެރި ޙައްޖު މަސް ފަދަ މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އެގޮތުން، ގިނަގިނައިން ﷲ ހަނދުމަކޮށް ޒިކުރުކުރުމާއި، ދުޢާކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމުގެ އިތުރުން ތަސްބީޙައާއި ތަކްބީރު ކިޔުން ފަދަ އަޅުކަންތައް ގިނަކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ޚުޠުބާ ނިންމާލީ މާތް ﷲ މަތިވެރިކުރައްވާފައިވާ މައްސަރުތަކުގެ ފައިދާ ހާސިލްކޮށް، އެކަލާނގެއަށް ފުރިހަމައަށް އީމާންވުމަށް ގޮވާލަމުންނެވެ.