ރައްޔިތުން އަދާކުރަންޖެހޭ އެއްވެސް ޓެކްސްއެއް ބޮޑުކުރުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޝަފީގު ވިދާޅުވީ ޓެކްސްތައް ރިވިއުކުރުމުގެ މަސައްކަތް ރޭވިފައި އޮތަސް ސަރުކާރުން ބޭނުންވަނީ ޓެކްސްތައް އިތުރުކުރުމުގެ ބަދަލުގައި ޓެކްސް ދައްކާ ފަރާތްތައް ނުވަތަ ޓެކްސް ބޭސް އިތުރުކޮށްގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށެވެ. އަދި ރައްޔިތުން އަދާކުރަންޖެހޭ އެއްވެސް ޓެކުހެއް ބޮޑު ނުކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޝަފީގު ވިދާޅުވީ ޓެކްސްތައް ބޮޑު ނުކުރިޔަސް، ޑޮލަރުން ބައެއް ފީތައް ބޮޑުކުރަން ބޭނުންވާކަން ހާމަކުރައްވާފައެވެ. މިކަން ކުރަނީ 2026 ގައި ދައްކަން ޖެހޭ އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން ބޭނުންވާ ފައިސާ ހަމަޖައްސަން ކަމަށްވެސް ޝަފީގު ވިދާޅުވިއެވެ.
އިތުރަށް ޝަފީގު ވިދާޅުވީ ބޭރުގެ “ބޮޑު ދަރަނިތައް” ދައްކަންޖެހޭތީ، އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑު ކުރަން ނިންމާފައިވާ ކަމަށާއި އޭގެ ސަބަބުން ބޭރު ފައިސާއިން ވަންނަ އާމްދަނީ އިތުރުވާނެ ކަމަށެވެ.