އިސްލާމީކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް “އުރީދޫ މަސްޖިދުނާ” އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަގްސަދުގައި، އިސްލާމީކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން، އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން “އުރީދޫ މަސްޖިދުނާ” އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ދީނީ އިމާރާތްތަކާއި ވަސީލަތްތައް ހަރުދަނާކުރުމަށާއި، ރާއްޖޭގެ އާބާދީތަކުގެ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ފަރާތުން ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. “”އުރީދޫ މަސްޖިދުނާ” ގެ ދަށުން، ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް އުރީދޫ މޯލްޑިވްސްއިން އަމާޒުކޮށްފައިވާއިރު، މި މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ ކުރިންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
“އުރީދޫ މަސްޖިދުނާ” އިނީޝިއޭޓިވްއަކީ، ރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްގީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް މިނިސްޓްރީން ކުރަމުންދާ ދެމެހެއްޓެނިވި މުހިންމު މަސައްކަތްތެއްކަން އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި މި ގުޅުމުގެ ތެރެއިން، މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސްގެ އަމާޒަކީ މިސްކިތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެހީތެރިވެދިނުންކަންވެސް ވަނީ ފާހަގަކޮށްފައެވެ.